ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2018)

November 14, 2018

ޝަކުވާ ނަންބަރު: IMCAC-04/2018

ޝަކުވާ ހުށަހެޅި ތާރީޙް: 23 އެޕްރީލް 2018

ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

 

ނިންމި ގޮތް:

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދެވިފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން 14 މެއި 2018 ގައި ފޮނުވި ސިޓީ އާއި މައްސަލައާ ގުޅިގެން  23 އޭޕްރީލް 2018 ގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަށް ދީފައިވާ މައުލޫމާތުގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަކީ
ހއ. ވަށަފަރުގައި މިވަގުތު ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތެއް ނޫންކަމަށާއި، ނަމަވެސް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ ކުންފުނިން ހއ. ވަށަފަރުގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމުގައި ބަޔާންކޮށްފައިވާތީ އާއި؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ދޭ ޚިދުމަތަކީ އިންޓަރނެޓްގެ ޚިދުމަތްކަމަށް21  އޮކްޓޫބަރު 2018 ގައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުން މައުލޫމާތު ދީފައިވާތީ އާއި؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހއ. ވަށަފަރުގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތް ކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގެން އޮތަތީ؛ މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކަށް ނުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

__________________

5 ނޮވެންބަރު 2018