ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2018)

July 25, 2018

ޝަކުވާ ނަމްބަރު: IMCAC-07/2018

ޝަކުވާ ހުށަހެޅި ތާރީޙް: 23 އޭޕްރީލް 2018

ހުލާސާ: މިއީ، ބަރްބަރީ ވިޝަންގެ ފަރާތުން ބ.ކެންދޫގައި ލައިސަންސް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބަރްބަރީ ވިޝަންގެ ފަރާތުން ބ. ކެންދޫގައި ލައިސަންސް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ބަރްބަރީ ވިޝަން އަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ބަރްބަރީ ވިޝަން އިން ފޮނުވި ސިޓީއާއެކު، ހިމަނާފައިވާ މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ސިޓީގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް  ބ. ކެންދޫގައި ދިނުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި ބަރްބަރީ ވިޝަންއާއެކު އެގްރީމެންޓެއްގައި ސޮއިކުރެވި ޚިދުމަތް ދޭން ފަށާފައިވާ ބިޒްނަސް ޕާރޓްނަރުންކަމުގައި ބަޔާންކޮށްފައިވާތީ އާއި؛

ބަރްބަރީ ވިޝަންގެ ފަރާތުން ބ. ކެންދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން މީޑިއާނެޓްގެ ޑީކޯޑަރ ބޭނުންކޮށްގެން ކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާތީ އާއި؛

މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަކީ މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދީފައިވާ ފަރާތެއް ކަމަށްވާތީއާ، މީޑިއާނެޓްގެ ހިޓްސް ޕެކޭޖަކީ މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަކަށްވާތީ؛

ބަރްބަރީ ވިޝަންގެ ފަރާތުން ބ. ކެންދޫގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ ބަރްބަރީ ވިޝަންގެ ނެޓްވޯރކްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ބަރްބަރީ ވިޝަން އިން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

25 ޖުލައި 2018