ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-09/2013)

January 14, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-09/2013)

ޝަކުވާ ނަމްބަރު: IMCAC-09/2013

ޝަކުވާ ހުށެހެޅި ތާރީޙް: 24 ސެޕްޓެމްބަރ 2013

ހުލާސާ:  މިއީ، ރާއްޖެޓީވީން 23 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ އޮންއެއަރ ކުރި އެމް.ޑީ.ޕީ ޤައުމީ މަޖްލީހުގެ ޖަލްސާގައި ބްރޯސްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފަށް ކޮންޓެންޓް ހުރިކަމަށް ފެންނާތީ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  ޙަވާލާދީފައިވާ ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (3)، ދެވަނަ ހަމައިގެ (1) (2)، ތިންވަނަ ހަމައިގެ (1)، އަދި ފަސްވަނަ ހަމައިގެ (4) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (4)ގެ ދަށުން:

  • ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ އިވެންޓްތައް ދެން ނުފޮނުވުމަށާއި؛
  • ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވެއްޖެނަމަ، އެކަން އެގޮތަށް ހިނގައިފިކަން، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ސްޓޭޝަނުން ހާމަކޮށް، އެކުށެއް އިސްލާހުކޮށް ސްޓޭޝަންގެ ފަރާތުން އޮންއެއަރގައި މައާފަށް އެދުމަށާއި؛
  • ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ހުރުމަތް ކެނޑި، ނުވަތަ އެފަރާތެއްގެ އިއްޒަތާއި ގަދަރަށް އުނިކަމެއް ނުވަތަ ނިކަމެތިކަމެއް ލިބިއްޖެނަމަ، އެކަމުގެ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު، ޖެހިގެން އަންނަ ދުވަހުގެރޭ 20:00 ން 00:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއަރއިން އެފަރާތަކަށް ދިނުމާއެކު، އެފުރުސަތު ދިންކަން ހާމަކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށާއި؛ އަދި

ރާއްޖެޓީވީން 23 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ ވަގުތުން އޮންއެއަރ ކުރި އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި؛

މި ކުށަށް، އެއްވެސް ޝަރުތެއް ނެތި 31 ޖެނުއަރީ 2014ގެ ކުރީން އެއްރޭ 20:00 ން 00:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއަރގައި މަޢާފަށް އެދުމަށާއި، ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު 31 ޖެނުއަރީ 2014ގެ ކުރީން އެއްރޭ 20:00 ން 00:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއަރގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

14 ޖެނުއަރީ 2014