ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-15/2018)

June 5, 2018

ޝަކުވާ ނަމްބަރު: IMCAC-15/2018

ޝަކުވާ ހުށަހެޅި ތާރީޙް: 23 އޭޕްރީލް 2018

ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ގދ. ފަރެސްމާތޮޑާގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ގދ. ފަރެސްމާތޮޑާގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން 14 މެއި 2018 ގައި ފޮނުވި ސިޓީއާއެކު، ހިމަނާފައިވާ މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ސިޓީގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ގދ. ފަރެސްމާތޮޑާގައި ދިނުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާއެކު އެގްރީމެންޓެއްގައި ސޮއިކުރެވިފައިވާކަމާއި، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާއި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަކީ ބިޒްނަސް ޕާރޓްނަރުންކަމުގައި ބަޔާންކޮށްފައިވާތީ އާއި؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފަރެސްމާތޮޑާގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓޑާ ގުޅިގެން މީޑިއާނެޓްގެ ޑީކޯޑަރ ބޭނުންކޮށްގެން ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލުން މައުލޫމާތު ދެއްވާފައިވާތީ އާއި؛

މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަކީ މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދީފައިވާ ފަރާތެއްކަމަށްވާތީއާ، މީޑިއާނެޓްގެ ހިޓްސް ޕެކޭޖަކީ މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަކަށްވާތީ؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ގދ. ފަރެސްމާތޮޑާގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ނެޓްވޯރކްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

05 ޖޫން 2018