ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-20/2017)

April 5, 2018

ޝަކުވާ ނަންބަރު: IMCAC-20/2017

ޝަކުވާ ހުށަހެޅި ތާރީޙް: 29 ޑިސެންބަރު 2017

ހުލާސާ: މިއީ، އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ކޭބަލް ޓީވީގެ ޚިދުމަތުގައި ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުން ދާކަމަށް ބުނެ، ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ބަލައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާ ކަމަށް  ބުނެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ބެލި މި މައްސަލައިގައި، އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް ފުރުސަތުތަކެއް ދީފައިވާކަމާއި؛

ކޮމިޝަނުން 12 ނޮވެންބަރު 2012 ގައި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން، ޅ. ނައިފަރުގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި 78 (ހަތްދިހަ އަށެއް) ޗެނަލެއް ދައްކާކަމުގެ މަޢުލޫމާތު ލިބިފައިވާކަން ބަޔާންކޮށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަށް އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިނުވާކަމާއި؛

އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ފޯރުކޮށްދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދިވެހި 7 (ހަތެއް) ޗެނަލް ހިމެނުމަށް އެކުންފުނީގެ ބޯޑުން ނިންމާފައިވާކަމުގައި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން 15 ނޮވެންބަރު 2017 ގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވީނަމަވެސް، އެ ޗެނަލްތަކުގެ މައުލޫމާތާއި ޗެނަލް ރައިޓްސްގެ ލިޔުން ފޮނުވައިދިނުމަށް ދެވުނު މުއްދަތުގެ ތެރޭގައި ޖަވާބުދާރީވެފައިނުވާތީ އާއި؛

އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ފޯރުކޮށްދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ 75 (ހަތްދިހަ ފަހެއް) ޗެނަލެއް ހިމަނާފައިވާކަން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން 17 ސެޕްޓެމްބަރ 2017 ގައި ކަށަވަރުކޮށްދީފައިވާތީ؛

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ 75 (ހަތްދިހަ ފަހެއް) ޗެނަލެއް ޅ. ނައިފަރުގައި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން ޖުމުލަ 150,000ރ (އެއް ލައްކަ ފަންސާސް ހާސް ރުފިޔާ) އިން އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

12 ނޮވެންބަރު 2012 ގައި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ 4 (ހަތަރެއް) ޗެނަލް (ޓީ.ވީ.އެމް، ވީ.ޓީވީ، ދި ޓީވީ، ރާއްޖެ ޓީވީ)، ބޭސިކް ޕެކޭޖްގެ ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅައިފައިނުވާތީއާއި، އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުން ފާސްކުރުމެއް ނެތި ޕެކޭޖު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 152,000ރ (އެއް ލައްކަ ފަންސާސް ދެ ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ އެކަން ކޮމިޝަނަށް ހުށަހެޅުމަށާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

03 އެޕްރީލް 2018