ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-27/2018)

September 4, 2018

ޝަކުވާ ނަމްބަރު: IMCAC-27/2018

ޝަކުވާ ހުށަހެޅި ތާރީޙް: 29 އޮގަސްޓް 2018

 ހުލާސާ: މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ޓީ.ވީ.އެމް” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ޓީ.ވީ.އެމް” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޕަބްލިކް ސަރވިސް މީޑިއާ އަށް އެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުޞަތެއް ދެވިފައިވާކަމާއި؛

ޕަބްލިކް ސަރވިސް މީޑިއާ އިން މައްސަލައަށް ޖަވާބުދާރީވެ ދީފައިވާ ބަޔާނަށް ނަޒަރުކުރާއިރު، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތުގެ މައުލޫމާތު އިއުލާނުކޮށްފައިވާނެ ކަމަށާއި، ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރިތާ 48 ގަޑިއިރު ތެރޭގައިވަނީ ކެންޑިޑޭޓުންގެ މަންދޫބުން ގެނެސް އެމީހުންގެ ހާޟިރުގައި ގުރުއަތު ނަގައި ގަޑި އެލޮކޭޓްކޮށް، ޓޭބަލް އެމީހުންނާ ހަވާލުކޮށް ސޮއި ވަނީ ހޯދާފައިކަމަށާއި، ޕީ.އެސް.އެމްގެ ވެބްސައިޓްގައި މި މައުލޫމާތު ޝާއިޢުކޮށް، ޚަބަރު މެދުވެރިކޮށް ޓީވީއިން މި މައުލޫމާތު ހިއްސާކުރެވިފައިވާނެ ކަމަށާއި، މި މައުލޫމާތު 30 އޮގަސްޓު 2018 ގައި ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށާއި، މި މައުލޫމާތުގެ ތެރޭގައި ހިމެނޭ އުޞޫލުގެ ދެވަނަ މާއްދާގެ (ބ) (2) ގައި ބަޔާންކުރާ ވަގުތު ޚާއްސަކުރި ގޮތުގެ ރިޕޯޓު ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށް ބަޔާންކޮށްފައިވާތީ އާއި؛

ޕީ.އެސް.އެމްގެ ވެބްސައިޓްގައި 19 އޮގަސްޓު 2018 ގައި “ޕަބްލިކް ސަރވިސް މީޑީއާއިން ރިޔާސީ އިންތިޚާބު 2018 ގެ ކެންޑިޑޭޓުންނަށާއި ޕާރޓީތަކަށް އެއަރޓައިމް ދިނުމުގެ އުޞޫލު” ޝާއިޢުކޮށް، މި އުސޫލުގެ ދަށުން އެއާރޓައިމް ވިއްކުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓު 2018 އިން 22 ސެޕްޓެންބަރު 2018 ގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ބަޔާންކޮށްފައިވާތީ، އަދި، މި މައުލޫމާތު ހިމެނޭނެހެން ޕަބްލިކް ސަރވިސް މީޑިއާގެ ނަންބަރު PSM-SS/427/2018/15 (30 އޮގަސްޓު 2018) ސިޓީ، 2 ސެޕްޓެންބަރު 2018 ގައި ކޮމިޝަނަށް ފޮނުވާފައިވާތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ޓީ.ވީ.އެމް” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައިވާ ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތްކަމަށާއި؛

ނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ޓީ.ވީ.އެމް” ޗެނަލުން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 2 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރާ ޕަބްލިކް ސަރވިސް މީޑިއާ ޚިލާފުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ނަމަވެސް، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ ޚިލާފުވާ ފުރަތަމަ ފަހަރު އެޅޭނެކަމަށް، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 5 ވަނަ މާއްދާ (ފިޔަވަޅު އެޅުން) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅަކީ، އެކަމެއް ރަގަޅުކުރަން އެންގުން ކަމަށްވެފައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ޓީ.ވީ.އެމް” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު 2 ސެޕްޓެންބަރު 2018 ގައި ކޮމިޝަނަށް ފޮނުވާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތްކަމަށް، މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

03 ސެޕްޓެންބަރު 2018