އިންޑިއާ އެމްބަސީއިން ބައެއް އިކުއިޕްމަންޓް ކޮމިޝަނަށް ހަދިޔާކުރައްވައިފި

November 27, 2016

feature-ind-embމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސްއާއި އައި.ޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންކުރާނޭ ބައެއް އިކުއިޕްމަންޓް އިންޑިއާ އެމްބަސީއިން ކޮމިޝަނަށް ހަދިޔާކުރައްވައިފިއެވެ.

އިންޑިއާ އެމްބަސީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، މި ތަކެތި ކޮމިޝަނާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. އަކިލޭޝް މިޝްރާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ ދާއިރާތަކަކުން އެހީތެރިވެދެއްވާ ކަމަށް ވިދާޅުވެ، ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މިއަދު ދެއްވި ދީލަތި އެހީއަށް، އިންޑިއާ ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.