އިންޑިއާ ގެ ބްރޯޑްކާސްޓިންގ އާއި ބެހޭ މަސްއޫލު ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދުމަށްޓަކައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަތީ ފެންވަރުގެ ވަފުދެއް ނިއު ދިއްލީ އަށް ފުރާވަޑައިގަންފި

July 1, 2013

އިންޑިއާ ގެ ބްރޯޑްކާސްޓިންގ އާއި ބެހޭ މަސްއޫލު ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދުމަށްޓަކައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަތީ ފެންވަރުގެ ވަފުދެއް ނިއު ދިއްލީ އަށް ފުރާވަޑައިގަންފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް އަބްދުﷲ ސުޖާއު އަދި ކޮމިޝަނަރ މުހައްމަދު އަސްލަމާއި، މަރިޔަމް ޝައުޤީ އާއި މޫމިނާ އާދަމްއެވެ. އަދި ދަތުރުގެ ކޯޑިނޭޓަރެއްގެ ގޮތުގައި ކޮމިޝަންގެ އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ އަހުމަދު އަރުޝަދު އަލީއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 8 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ކޮމިޝަންގެ ޓީމުން އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އާއި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރާއި ބްރޯޑްކާސްޓް ރެގިއުލޭޓަރީ ގްރޫޕް އާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އިންޑިއާގެ ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގ ސިނާއަތުގެ އެންމެހާ ކަންތައްތައް ބަލައި ދެނެގަތުމަށާއި މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވުމަށް ނިއުދިއްލާގައި ހުންނަ ޑޫރްޑާރޝިއަން، އެންޑީ ޓީވީ، އެއަރޓެލް، ޒީ ޗެނަލް، ސޮނީ ޗެނަލް، އިންޑިއަން ބްރޯޑްކާސްޓިންގ ފައުންޑޭޝަން އަދި ކޮމިއުނިޓީ ބްރޯޑްކާސްޓާރސް ގޮތަށް ހަރަކާތްތެރިވާ ފަރާތްތަކާއިވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތް ތައުލީމާއި ތަމްރީނު ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަން ސެންޓަރ އާއި އޭޖީކޭ މާސް ކޮމިއުނިކޭޝަން ސެންޓަރ އަށް ޒިޔާރަތްކޮށް ތަމްރީނުގެ ފުރުސަތުތަކާއި ގުޅޭ މަޢުލޫމާތު އޮޅުން ފިލުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.