ދިވެހި ބަހަށް މުވައްޒަފުން އަހުލުވެރިކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

November 23, 2017

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމްކޮށްގެން ދިވެހި ބަހަށް މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން މި ނޮވެމްބަރ މަހު ބޭއްވި ތަމްރީނު ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ މި ޙަފްލާގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބެވެ.

މި ރަސްމިއްޔާތުގައި، ވޯކްޝޮޕްގެ ބައިވެރިންނާ މުޙާތަބުކޮށް ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އޮފީހުގެ މާހައުލުގައި މަސައްކަތްކުރާއިރު އަޅުގަޑުމެންގެ ޝަރަފުވެރި ދިވެހި ބަސް ދިރުވައި އެ ބަހުގެ ހާމަހަމަ ބޭނުންކުރުމަށް ފަރުވާތެރިވެ މުޢާމަލާތްކުރަން ދަސްކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުއައްޒަފުން ތާޒާކުރުމުގެ ގޮތުން ހިންގުމަށް ބޭނުންތެރި ޕްރޮގްރާމްތަކެއް ކަމާއި ކުރިމަގުގައި ރޭވޭ މި ފަދަ ޕްރޮގްރާމްތަކުގައި ވީހާ ގިނަ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ތަމްރީނު ޕްރޮގްރާމް ނުހަނު ފުރިހަމަ ގޮތެއްގައި ރާވައި ހިންގެވިކަމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރަށާއި އެ އޮފީހުގެ އިސް ވެރީންނަށާއި ތަމްރީނު ދެއްވި އެންމެހައި ފަރާތްތަކަށް ވެސް ކޮމިޝަނުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމް ބޭއްވުމުގެ މަޤްސަދަކީ ދިވެހިބަހުގެ ހާމަހަމަތަކަށް އިސްކަންދީގެން މުއާމަލާތްކުރާނެ ގޮތްތަކަށް މުޒައްޒަފުން އަހުލުވެރިކުރުވުމެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން ބައިވެރިވެ ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

5 ރަބީޢުލްއައްވަލް 1439
23 ނޮވެމްބަރ 2017