އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢާ ގުޅޭގޮތުން ކޮމިޝަނާއި ޕީ.އެސް.އެމް. މަޝްވަރާކޮށްފި

January 21, 2020

ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” (އައި.އެސް.ޑީ.ބީ.ޓީ)  ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކާ ގުޅެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)އާ މަޝްވަރާކޮށްފިއެވެ.

މިއަދުގެ މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމް.ގެ އިސް އޮފިޝަލުން ވިދާޅުވީ،  މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާރޗް މަހު ފަށައި، 18 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ފެށޭނެ ކަމުގައެވެ. ތަފާތު ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 18 ރަށެއްގައި ޓަވަރު ޖެހުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢު އެންމެ އެދިވެގެންވާ ގޮތުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮމިޝަންގެ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވެ، ކޮމިޝަންގެ އެހީތެރިކަމާއި އެއްބާރުލުމަށްވެސް ޕީ.އެސް.އެމް.ގެ އިސް އޮފިޝަލުން އެދިވަޑައިގެންނެވިއެވެ.

ޤުދުރަތީ ކާރިޘާތަކުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އެހީތެރިވެދޭ، އެމަރޖެންސީ ވޯނިންގ ސިސްޓަމެއް ހިމެނޭ މި ނެޓްވޯކުގައި، ޑިޖިޓަލް ޓީވީގެ ޚިދުމަތާއި، މޮބައިލް ޓީވީގެ ޚިދުމަތްވެސް ލިބޭނެއެވެ.

މި ބައްދަލުވުމުގައި، ޕީ. އެސް. އެމް. ގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދާއި ޗީފް ޓެކްނިކަލް އޮފިސަރ ޙުސައިން ޝުހާދާއި ޕްރޮޖެކްޓްސް މެނޭޖަރ ޢަލީ ސަލީމެވެ

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.