މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ މިނިސްޓަރ އޮފް އިންޓާރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި

June 30, 2013

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ މިނިސްޓަރ އޮފް އިންޓާރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން މރ. ޔޮޝިޓާކާ ޝިންޑޯ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މރ. ޔޮޝިޓާކާ ޝިންޑޯ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބުއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިނިސްޓަރ މރ. ޔޮޝިޓާކާ ޝިންޑޯ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތްކުރެއްވުމަކީ ލިބުނު ނުހަނު ބޮޑު ޝަރަފަކާއި އުފަލެއްކަމުގައެވެ. އަދި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މުހައްމަދު ޝަހީބުގެ ވާހަކަފުޅުގައި ރާއްޖޭގައި ބޭނުންކުރާ ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގގެ ޚިދުމަތް އެނެލޮގް އިން ޑިޖިޓަލް ޓެކްނޯލޮޖީއަށް ހިޖުރަކުރުމަށްޓަކައި ކޮމިޝަނުން އިސްނަންގަވައިގެން، އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ އެހީ ގެ ދަށުން އެކުލަވާލަމުންދާ މަގުޗާޓާއި ބެހޭގޮތުންވެސް މރ. ޔޮޝިޓާކާ ޝިންޑޯއަށް މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށާއި އަދި މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރު އެހީތެރިކަން ބޭނުންވާކަމަށް ފާހަގަކުރައްވައި، އިތުރަށް ބްރޯޑްކާސްޓް ދާއިރާއިން ދިވެހިރާއްޖެ ކުރިއެރުންތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކޮމިޝަންގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ މިނިސްޓަރ އޮފް އިންޓާރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް މރ. ޔޮޝިޓާކާ ޝިންޑޯ ދެއްކެވި ވާހަކަފުޅުގައި، މި އަހަރު ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ހާރިޖީ ގުޅުމަށް 45 އަހަރު ފުރިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަނަށް މިކުރެއްވި ޒިޔާރަތުގައި ކޮމިޝަނުން އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާ، ބްރޯޑްކާސްޓް ދާއިރާ ތަރައްޤީކުރުމަށްޓަކައި ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު މަސައްކަތްކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ގިނަ ފަސޭހަތަކެއް ލިއްބައިދެވޭނެ ބްރޯޑްކާސްޓް ޓެކްނޮލޮޖީއެއް ޚިޔާރުކުރުމަށް އެދިވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުވުމުގައި، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. ނޮބުހީޓޯ ހޯބޯއާއި މިނިސްޓަރ މރ. ޔޮޝިޓާކާ ޝިންޑޯއާއެކު ރާއްޖެވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކޮމިޝަންގެ ފަރާތުން ކޮމިޝަނަރ މުޙައްމަދު އަސްލަމާއި، އައިޝަތު ހަނާ އަދި ސެކްރެޓަރީ ޖެނެރަލް ނޫރާ ޢަލީއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސްވަނީ މރ. ޔޮޝިޓާކާ ޝިންޑޯއަށް ހަނދާނީ ވެދުމެއް އެރުއްވިއެވެ. އަދި މިނިސްޓަރ މރ. ޔޮޝިޓާކާ ޝިންޑޯވެސް ވަނީ ކޮމިޝަންގެ ރައީސަށް ވެދުމެއް އަރުއްވާފައެވެ.