ލޯކަލް ކައުންސިލް އިންތިޚާބު މޮނިޓަރކުރުމާ ގުޅޭ މަޢުލޫމާތު ސެޝަނެއް ނޫސްވެރިންނަށް ބާއްވައިފި

April 1, 2017

މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މޮނިޓަރކުރުން ކުރިއަށްދާނެ ގޮތާއި އަދި އިލެކްޝަން ކަވަރޭޖާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކުރި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި، ލޯކަލް ކައުންސިލް އިންތިޚާބުތަކާއި، ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި ޒިންމާތަކާއި ވޯޓު ނެގުމުގެ ޕްރޮސެސްއާ އަދިވެސް އިންތިޚާބާ ބެހޭ ގިނަ މަޢުލޫމާތުތަކެއް މި ސެޝަންގައި ނޫސްވެރިންނަށް ފޯރުކޮށްދިނެވެ.

މީގެއިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން”ގެ ޕްރެޒެންޓޭޝަނެއްވެސް ކޮމިޝަންގެ ފަރާތުން ހުށަހަޅައިދިނެވެ.

މި މަޢުލޫމާތު ދިނުމުގެ ސެޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި، މީޑިއާގެ ތަރައްޤީއާއި ކުރިއެރުމަށް އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނު ކުރުން މުހިންމު ކަމަށާއި، ނޫސްވެރިންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެ، މިނިވަން، ޒިންމާދާރު ނޫސްވެރިކަމަށް ތަރުހީބު ދޭ ބަޔަކަށް ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ފަރާތްތަކަށް ނިންމުމުގެ ރަސްމިއްޔާތުގައި ސެޓްފިކެޓްތައް ބައްސަވައިދެއްވީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާނާއި ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޢަބްދުލްމުޢީދު ޙަސަންގެ އިތުރުން، މި ތިން މުއައްސަސާގެ މެމްބަރުންނާއި އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތަށްފަހު، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިން ޚާއްސަ ފަރީއްކޮޅެއްވެސް އޮތެވެ.