“ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު” އާންމުކޮށްފި

September 22, 2018

“ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު” މިއަދު ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށް، ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފިއެވެ.

މި އުސޫލަކީ، ޤާނޫނު ނަންބަރ 2016/15 (އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން، ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު ލައިވް އިވެންޓެއް ގެނެސްދެމުންދާ ވަގުތު، އެ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓެއް ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން މެދުކަނޑާލުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި އެ ފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުއެޅުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

މި ފާސްކުރި އުސޫލުގައި، ބްރޯޑްކާސްޓަރުންގެ ޒިންމާއާއި، ލައިވް އިވެންޓަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ގޮތާއި، މައްސަލަ ބަލާނެ ގޮތާއި، ލައިވް އިވެންޓްގެ މައްސަލަތަކުގައި ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މުޢާމަލާތްކުރާނެ ގޮތާއި އަދި ފިޔަވަޅު އަޅާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.