އިތުރު ތިން ބްރޯޑްކާސްޓަރުންނާއެކު ކޮމިޝަނުން ބައްދަލުވުންތައް ބާއްވައިފި

January 23, 2020

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދުވެސް އިތުރު ތިން ބްރޯޑްކާސްޓަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައިފިއެވެ.

އަލްޤުރުއާން އަދި އައިސް ޓީވީ ހިންގާ އައިލަންޑް ކޮމިއުނިކޭޝަންސް އެންޑް އެންޓަރޓެއިންމަންޓްގެ އިސް އޮފިޝަލުން، މި ދެ ޗެނަލުން ގެނެސްދޭ ކޮންޓެންޓާއި އަދި ދުވަހުން ދުވަހަށް ސްޓޭޝަން ހިންގުމަށް ކުރަމުންދާ މަސައްކަތްތައް މި ބައްދަލުވުމުގައި ތަފްސީލުކޮށްދިނެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމާ މެދުވެސް ވާހަކަދެއްކެވިއެވެ.

މިއަދު ކޮމިޝަނުން 97 މިނިވަން ޗެނަލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޗެނަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢާއިޝަތު އާނިޔާ ފާހަގަކުރެއްވި ގޮތުގައި، ދާއިރާގެ ތަރައްޤީއަށް އެންމެ މުހިންމީ ތަމްރީނު ލިބިފައިތިބި، އުފެއްދުންތެރި ފަރާތްތަކެއް ބިނާކުރުން ކަމަށެވެ. ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެ، ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރ ކުރުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވިގޮތުގައި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ފަންނީ މީހުން ބޭނުންވާ ކަމަށާއި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ މި ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމުގައި މެމްބަރުން ވިދާޅުވިއެވެ.

އަދި ކޮމިޝަންގެ އަމާޒަކީ ހުރިހާ ބްރޯޑްކާސްޓަރުންނާއި، ކަމާގުޅޭ އެހެން ހުރިހާ ފަރާތްތަކާވެސް ވީހާވެސް ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ، ދާއިރާގެ ތަރައްޤީއަށާއި ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ކޮމިޝަންގެ މެމްބަރުން ވާހަކަދެއްކެވިއެވެ.

މިއަދުގެ މި ބައްދަލުވުންތަކުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.