ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ކުރިއެރުވުމަށް މަސައްކަތްކުރުމަށް އިސްލާމީ ޔުނިވަރސިޓީ އާއި ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

September 24, 2020

ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ކޮމިޝަންގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

މިއަދު މި ސޮއި ކުރެވުނު ފަހުމުނާމާގެ ދަށުން ކޮމިޝަނާއި އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދުތަކަކީ، ދިވެހި ނޫސްވެރީންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ޤާބިލު ބައެއް ކަމުގައި ހެދުމާއި، މި ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ޤާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުމެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވޭ މި ފަހުމުނާމާގެ ދަށުން، އިސްލާމީ އުޞޫލުތަކަށާއި ދިވެހި ޤައުމިއްޔަތަށާއި ދިވެހިބަހަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި، ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި، މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި، އިލްމީ ދިރާސާތައްކޮށް ނޫސްވެރިކަމުގެ ވެށި ކުރިއެރުވުމުގެ އިތުރުން ނޫސްވެރިންގެ ގަދަރު މަތިކޮށް މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް އަމާޒު ކަނޑައަޅާފައިވެއެވެ.

ސޮއިކުރުމުގެ މި ރަސްމިއްޔާތަށް ފަހު، މި ފަހުމުނާމާގެ ދަށުން ބޭއްވުމަށް ހަމަޖެހިވާ މީޑިއާ ޓްރެއިނިންގއާ ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ މީޑިއާ ބްރީފިންގއެއް ވެސް ބޭއްވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ އިތުރުން، އެ ޔުނިވަރސިޓީގެ ބައެއް އިސްވެރިންވެސް ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ކޮމިޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި ކޮމިޝަނަރ އަމްޖަދު ވަޙީދާއި ކޮމިޝަނަރ ޢަލީ ޔޫސުފާއި ކޮމިޝަނަރ އާމިނަތު އަމީނާ އަދި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ޝާހީނެވެ.