ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޕައިލަޓް ޕްރޮޖެކްޓާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރާ ކޮމިޝަނުން މަޝްވަރާކޮށްފި

September 20, 2020

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން، ތަޢުލީމީ ދާއިރާއަށް އަމާޒުކޮށްގެން، ކޮމިޝަނުން ހިންގާ މަޝްރޫޢު (ޕައިލަޓް ޕްރޮޖެކްޓް) އާ ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު ޢަލީއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުންގެ މެމްބަރުން ވިދާޅުވީ، މިފަދަ ޕްރޮޖެކްޓެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޢާންމުންނަށް ކިހާ ބޭނުންތެރި ޚިދުމަތެއްތޯ ދެނެގަތުމާއި، މިފަދަ ޚިދުމަތެއް ދޭ އިރު ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރކުރާނެ ގޮތް ދެނެގަތުމާއި އަދި ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާނެ އުފެއްދުންތެރި މީހުން ބިނާކުރުން ކަމަށެވެ.

މި ޕްރޮޖެކްޓް އެންމެ ކާމިޔާބު ކަމާއެކު ކުރިއަށްގެންދެވޭނީ އެޑިޔުކޭޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު ކަމަށް ވިދާޅުވެ، މިކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމަށް ކޮމިޝަން މެމްބަރުން އެދިވަޑައިގަތެވެ. އަދި މި ޕްރޮޖެކްޓް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުންވެސް އެޑިޔުކޭޝަން މިނިސްޓަރާއެކު ކޮމިޝަނުން މަޝްވަރާކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ ވިދާޅުވީ، މިއީ މިފަދަ ދަނޑިވަޅެއްގައި ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް ގޭގައި ތިބެގެން ތަޢުލީމު ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމުގައެވެ.

އެޑިޔުކޭޝަން މިނިސްޓަރ އިތުރަށް ވިދާޅުވީ، ސްކޫލުތަކުން މި ޚިދުމަތް ދިނުމަށް ބޭނުންވާނަމަ، މިނިސްޓްރީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސުކޫލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ތަޢުލީމު ފޯރުކޮށްދިނުމުގައި، ގިނަ ސްކޫލްތަކަކުން މިފަދަ އުފެއްދުންތެރި ޚިދުމަތްތަކުގެ ބޭނުން ކުރާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫޢު (ޕައިލެޓް ޕްރޮޖެކްޓް) އެއް ހިންގުމަށް ކޮމިޝަނުން ނިންމައި، ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮމިޝަނަށް ހުށަހެޅުމަށް އިޢުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ.

މިއީ، މި ޚިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ޚިދުމަތްދިނުމުގައި ޚިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ޚިދުމަތަށް ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލު ކޮމިޝަނުން ވަނީ އެކުލަވާލައި ޢާންމުކޮށްފައެވެ.

މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން، އަލަށް ހުޅުވާލެވޭ މި ފުރުޞަތުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ވަގުތީ ޚިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. އަދި މި ޚާއްޞަ ހުއްދަ ދޫކުރަނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

ޕައިލަޓް ޕްރޮޖެކްޓް ގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން، “ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދަ”، ރ. ދުވާފަރު ޕްރައިމަރީ ސުކޫލަށް ކޮމިޝަނުން ވަނީ މި މަހު ދޫކޮށްފައެވެ. މިއީ މި ޕްރޮޖެކްޓްގެ ދަށުން ދޫކުރި ފުރަތަމަ ހުއްދައެވެ.

ދުވާފަރު ޕްރައިމަރީ ސުކޫލަށް ދޫކޮށްފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދައިގެ ދަށުން ޚިދުމަތް ދޭނީ ރ. ދުވާފަރު ސަރަޙައްދަށެވެ.