ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން މީޑިއާ މެދުވެރިކޮށް އަހުލުވެރިކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއި ކޮމިޝަން މަޝްވަރާކުރައްވައިފި

January 11, 2017

moh-meeting-featureސިއްހަތައް ގެއްލުންދެނިވި ތަކެތިން ދުރުހެލިވުމަށާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ދިވެހިންނަކީ އަހުލުވެރި ބަޔަކަށް ހެދުމަށް މީޑިއާ މެދުވެރިކޮށް ކުރެވިދާނެ ކަންތައްތަކާ މެދު ހެލްތް މިނިސްޓްރީއާއި ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.

ކޮމިޝަނާއި މޯލްޑިވްސް މިޑިއާ ކައުންސިލާއެކު ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ފާހަގަކުރެއްވިގޮތުގައި، އާންމު ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކުރުމަށާއި، އާންމުން އެނަރޖީ ޑްރިންކްސް ބުއިމުން ލިބޭ ގެއްލުމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށާއި ބޭނުންކުރާ މިންވަރު ދަށްކުރުމަށް ހެލްތް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވުމަށްވެސް މީޑިއާގެ ކިބައިން އެދިވަޑައިގަތެވެ.

އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގެ އާދަތައް ކުރިއެރުވުމަށް މީޑިއާ މެދުވެރިކޮށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި އެނަރޖީ ޑްރިންކްސް ބޭނުންކުރުމުގެ ސަބަބުން ގިނަގުނަ ސިއްހީ މައްސަލަތަކާ އާންމުން ކުރިމަތިލާންޖެހޭ ކަން ފާހަގަކުރައްވާ، އެނަރޖީ ޑްރިންކް ބޭނުންކުރުން މަދު ކުރުމަށް މިނިސްޓްރީން ފަށާފައިވާ މަސައްކަތްތަކުގެ ތަފްސީލު މި ބައްދަލުވުމުގައި ޙިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި، ހެލްތް މިނިސްޓްރީން ފަށާފައިވާ ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ދިވެހިން އަހުލުވެރިކުރުމަށް ފަށާފައިވާ މަސައްކަތާއި ޚާއްސަކޮށް އެނަރޖީ ޑްރިންކްސް ބޭނުންކުރުން މަދުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގައި ކޮމިޝަންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައެވެ. އަދި ރާއްޖޭގެ ޤާނޫނުތަކުން އިޝްތިހާރުކުރުން މަނާ ތަކެތި ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް އިޝްތިހާރުކުރުމުގައި ޢަމަލުކުރުމުގެ ގައިޑްލައިނާއި އަދި މިކަންކަން ހަރުދަނާކުރުމަށް ހެލްތް މިނިސްޓްރީއާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަލިއަޅުވާލެއްވިއެވެ.

މިނިސްޓްރީ އޮފް ހެލްތުން އިސްނަގައިގެން އެނަރޖީ ޑްރިންކްސް ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެމިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގައި މި ފަދަ ބުއިންތައް ބޭނުންކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ، ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ވެސް އެނަރޖީ ޑްރިންކްސް ބޭނުންނުކުރާ ފުރަތަމަ މުއައްސަސާކމަުގައި ހައްދަވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ދެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމާއި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް މުހައްމަދު އަސްލަމާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.