ބަޖެޓްގެ ދަތިކަމާ ގުޅިގެން ހިންގުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާ ކޮމިޝަނުން މަޝްވަރާކޮށްފި

March 18, 2019

މިއަހަރަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތްތައް ކުރުމަށް ދަތިކަން ހުރުމާ އެކު، އެކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

މިއަދު މެންދުރުފަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަންގެ ތަޢާރަފަކާއި، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކޮމިޝަނުން އަދާކުރަމުންދާ ދައުރުގެ މަޢުލޫމާތު ފިނޭންސް މިނިސްޓަރާ ޙިއްސާކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި، ކޮ މިޝަންގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމުގައި ފާހަގަކުރެއްވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް އެންމެ އެދެވިގެންވާ ގޮތުގައި ކުރުމަށް ހުރި ހުރަހަކީވެސް އެކަށީގެންވާ ބަޖެޓެއް ލިބިފައި ނެތުން ކަމުގައިވެސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަންގެ މަސްޢޫލިއްޔަތު އެންމެ ބާރުމިނުގައި ގެންދިއުމަށް އިތުރު މުވައްޒަފުން ބޭނުންވާކަން މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ކޮމިޝަނުން ހުށަހެޅި ކަންތައްތައް އޮންނަ އުސޫލުގެ މަތިން ކުރިއަށް ގެންގޮސް ދެއްވާނެ ކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މި ބައްދަލުވުމުގައި ދެއްވިއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން،  ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ އަމްޖަދު ވަޙީދާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.