ރައީސުލްޖުމްހޫރިއްޔާ އާ ކޮމިޝަނުން ބައްދަލުކޮށްފި

April 10, 2019

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކޮމިޝަންގެ ތަޢާރަފަކާއި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުގެ އިތުރުން، ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރެވިދާނޭ މަސައްކަތްތަކާއި ކޮމިޝަނުގެ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތުވެސް ކޮމިޝަނުން ރައީސާ ޙިއްސާކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު، ފާހަގަކުރެއްވިގޮތުގައި، މި ދާއިރާގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނުކުރެވިފައިވާ ފަރާތްތަކުގެ މަދުކަމާއި އެހެންކަމުން މި ކަމަށް ބޭނުންވާ އެހީއާއި ވަސީލަތްތައް ރާއްޖެއިން ބޭރުން ހޯދުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރުއްޔާގެ އަރިހުން ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދުމުގައި ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކޮށް ދެއްވުމަށާއި އެކި މުއައްސަސާތަކާ ގުޅިގެން ރެގިއުލޭޓަރީ މަސައްކަތް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަމަށް ވެސް އެދިވަޑައިގެންނެވިއެވެ. އަދި ބްރޯޑްކާސްޓް ދާއިރާގެ މުސްތަޤްބަލު ބައްޓަންކުރުމަށް ސަރުކާރުގެ ސިޔާސަތެއް ހާމަކުރައްވާފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ކޮމިޝަނުގެ ފަރާތުން ޙިއްސާކުރި ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން، މި ބައްދަލުވުމުގައި ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ ފާތިމަތު ޒައިނާ އާއި ކޮމިޝަނަރ އަމްޖަދު ވަޙީދު އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާޞިޙު ބައިވެރިވެވަޑައިގަތެވެ.