ރިސޯޓްތަކުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ ޚިދުމަތާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރާ ކޮމިޝަނުން މަޝްވަރާކޮށްފި

April 18, 2019

ލައިސަންސް ނެތި އަދި ރައިޓްސް ނެތި ބައެއް ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރިސޯޓުތަކެއްގައި މި ޚިދުމަތް ލައިސަންސެއް ނެތި ދެމުންދާކަން، މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަނުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވި ގޮތުގައި، ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމާއި، މިއީ ބައިނަލްއަޤްވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ. އަދި ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ރިސޯޓުތަކުގެ މައްސަލަ ބެލުމަށް އެފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމުގައިވެސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދެއްވިއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން،  ކޮމިޝަނަރ ޙަސަން ނަބާހާއި ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ އަމްޖަދު ވަޙީދާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ ލީގަލް، ފާޠީމަތު ޝައުފާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.