އިލެކްޝަން ކަވަރޭޖްއާ ގުޅޭގޮތުން މީޑިއާ ތަމްރީނުކުރުމުގެ އެހީއަށް އެދި ޔޫ.އެން.ޑީ.ޕީ.އަށް ހުށަހަޅައިފި

August 7, 2018

 

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އިލެކްޝަން ކަވަރޭޖްއާ ގުޅޭ ތަމްރީނުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން މިކަމުގެ އެހީއަށް އެދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޕްރޮޕޯސަލެއް ހުށަހަޅައިފިއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫ.އެންގެ ބައެއް އޮފިޝަލުންނާ އެކު މިއަދު ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި، ޔޫ.އެން.ޑީ.ޕީ.އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޝޯކޯ ނޮޑާއަށް މި ޕްރޮޕޯސަލް ހުށަހަޅުއްވައި ދެއްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ހަމަހަމަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބްރޯޑްކާސްޓަރުންގެ މުހިންމު ދައުރެއް ވާ ކަމަށާއި އަދި އިންތިޚާބު އެންމެ ފުރިހަމަ ގޮތުގައި ކަވަރުކުރުމަށްޓަކައި ބްރޯޑްކާސްޓަރުންނަށް އިތުރު ތަމްރީނު ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުމުގައި ކޮމިޝަނުގެ ދައުރާއި މަސްޢޫލިއްޔަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއްގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި އަދި އިލެކްޝަން ކަވަރޭޖް މޮނިޓަރިންގެ މަސައްކަތާ ގުޅޭ މަޢުލޫމާތުވެސް ޔޫ.އެން.އާ ޙިއްސާކުރެއްވިއެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހާއި، ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ޢާޢިޝަތު ޝާހީނެވެ. ޔޫ.އެން ފަރާތުން ބައިވެރިވެވަޑައިގަތީ، އެ އިދާރާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޝޯކޯ ނޮޑާއާއި ޔޫ.އެން.ގެ ސީނިއަ ޕޮލިޓިކަލް އެކްސްޕާރޓް މިސް މިރިއަމް ކޮރޮނެލް-ފެރައެވެ.