މުޒާހަރާތަކާއި އެއްވުންތައް ލައިވްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފި

February 17, 2018

މުޒާހަރާތަކާއި އެއްވުންތައް ލައިވްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ސަރކިއުލަރއެވެ.

“މި ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަން މި ކޮމިޝަނުގެ މޮނިޓަރިންގއަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން، ޤާނޫނު ނަންބަރު: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިންގެ އަމަލުތައް ބަހައްޓަމުންދާ ގޮތުގެ ކަންބޮޑުވުން ފާޅުކުރައްވައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވެސް ނޫސްބަޔާނެއް މިއަދު ވަނީ އާއްމުކުރައްވާފައެވެ.

ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ޚާއްސަ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކުރުމަށް ސަމާލުކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށް މި ދަނޑިވަޅުގައި ފާހަގަކޮށް މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް މި ކޮމިޝަނުން ގޮވާލަމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ހަނދާންކޮށްދެމެވެ.

އަދި ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކުރާ ފަދައިން، މި ކޮމިޝަނުން އެކުލަވާލާފައިވާ “އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު”ގައި ބަޔާންކުރާ “އެކްރެޑިޓޭޝަން ކާޑް” ބޭނުންކުރުމަށާއި “މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން” އާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ.

އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ. އަދި މިއާ ޚިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނީ ފިޔަވަޅު މި ކޮމިޝަނުން އަޅާނޭ ކަމުގައި ވެސް ދަންނަވަމެވެ.

އަދި ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަންވެސް އަރުވަމެވެ.”