ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސްކަމަށް އަޙްމަދު ޤައިސް އިންތިޚާބުވެވަޑައިގެންފި

December 5, 2019

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ މަޤާމަށް ކޮމިޝަންގެ މެމްބަރ މަރިޔަމް ވަހީދާ އަދި ނައިބު ރައީސްގެ މަޤާމަށް ކޮމިޝަންގެ މެމްބަރ އަޙްމަދު ޤައިސް އިންތިޚާބުވެވަޑައިގެންފިއެވެ.

މި ބޭފުޅުން މި މަޤާމުތަކަށް އިންތިޚާބުކުރައްވާފައިވަނީ، އަލަށް ކޮމިޝަނަށް އައްޔަނުކުރެއްވި މެމްބަރުންނާއެކު ކޮމިޝަންގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހީބާއި ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޞަފްވާން، އެ މަޤާމުތަކުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ކޮމިޝަނުގެ ރައީސާއި، ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން ހޮވުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު، ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން ކޮމިޝަންގެ ރައީސްގެ މަޤާމަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ޤައިސް މިއަދު ވަނީ ހަމަޖައްސަވާފައެވެ.