މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްކަމަށް އިސްމާޢީލް ސަފްވާން އިންތިޚާބުކޮށްފި

March 15, 2018

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ކޮމިޝަންގެ މެމްބަރ އިސްމާޢީލް ސަފްވާން މިއަދު އިންތިޚާބުކޮށްފި އެވެ.

ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަސްލަމްގެ މެމްބަރު ކަމުގެ ދައުރު 13 މާރިޗު 2018 ގައި ހަމަވުމާ ގުޅިގެން، ހުސްވެފައިވާ ނައިބު ރައީސްގެ މަޤާމަށް އިސްމާޢީލް ސަފްވާން އިންތިހާބުކުރީ އެ ކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ބައްދަލުމުގައި، ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ދެއްކެވި ވާހަކަފުޅުގައި އައު ނައިބު ރައީސް އިސްމާޢީލް ސަފްވާނަށާއި އައު މެމްބަރު އަމްޖަދު ވަހީދަށް މަރުހަބާ ދެންނެވި އެވެ. އަދި ކޮމިޝަންގެ މެމްބަރުކަމާއި ނައިބު ރައީސްކަމުގައި މުހައްމަދު އަސްލަމް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރެއްވި އެވެ.

ކޮމިޝަނުގެ ފުރަތަމަ ރައީސް ބަދުރުއްނަސީރު، ކޮމިޝަންގެ މެމްބަރުކަމުންނާއި ރައީސްކަމުން 29 ޖޫން 2012 ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެން ހުސްވި މެމްބަރުކަމަށް މުޙައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކުރުމުން، މި މަޤާމަށް މުޙައްމަދު އަސްލަމް ޢައްޔަނުކުރައްވައި މެމްބަރުކަމުގެ ލިއުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވީ 13 މާރިޗު 2013 ގައެވެ. އަދި ކޮމިޝަންގެ ދެވަނަ ދައުރުގެ ނައިބު ރައީސްގެ މަޤާމަށް މުޙައްމަދު އަސްލަމް އިންތިޚާބުވެވަޑައިގަތީ 5 އޭޕްރީލް 2016ގައެވެ.