ޤާނުނުތަކާއި ގަވާއިދުތަކާއި ނޫސްވެރިކަމާ ގުޅޭގޮތުން ހެދިފައިވާ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ހިތުމަށް ކޮމިޝަނުން ނަޞޭހަތްތެރިވުން

March 28, 2017

ނޫސް ބަޔާން

 

ފަހަކަށް އައިސް، ބްރޯޑްކާސްޓް މީޑިއާގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންގެ އަމަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ތަފާތު ޖިނާއީ ކުށްތަކަށް އަރައިގަނެވި، އެ ފަރާތްތަކާ މެދު ޝަރީއަތުގެ މަރުހަލާއިން އަދަބު ލިބެމުންދާ ކަމީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

ނޫސްވެރިންނަށް ދިމާވާ މި ފަދަ މައްސަލަތަކަކީ، ޤާނުނުތަކާއި ޤަވާއިދުތަކާއި ނޫސްވެރިކަމާ ގުޅޭގޮތުން ހެދިފައިވާ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ނުހިތުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަން މި ކޮމިޝަނުން ފާހަގަކުރަމެވެ. އަދި މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް މި ކޮމިޝަނުން ގޮވާލަމެވެ. އަދި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށާއި ހެޔޮ ނޫސްވެރިކަން ދެމެހެއްޓުމަށް ހެދިފައިވާ އެކި އެކި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަކީ އެ ފަރާތްތަކުގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ޒިންމާދާރު ކަމާއެކު މަސައްކަތްކުރުމަށް ވެސް ނަސޭހަތްތެރިވަމެވެ.

އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތީން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ. އަދި ދައުލަތުގެ އިދާރާތަކުން ވެސް ހެޔޮ ނޫސްވެރިކަމަށް ތަރުހީބު ދީ، ނޫސްވެރީންނަށް ދެއްވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލަމެވެ.

29 ޖުމާދުލް އާޚިރާ 1438

28 މާރިޗު  2017