މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

February 20, 2021

ނޫސް ބަޔާން

ނަންބަރ: (PR)427-BUR/PRIV/2021/1

 

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

 

19 ފެބްރުއަރީ 2021ވަނަ ދުވަހުގެ ރޭ މާލޭގެ ކެފޭއެއްގެ ތެރޭގައި ޗެނަލް 13ގެ ނޫސްވެރިއަކު ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯގައި މި ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން މި ކޮމިޝަނުން ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.

އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ތަފާތު އެކި ހުރަސްތަކާއި ކުރިމަތިވާކަމުގެ ޝަކުވާ މި ކޮމިޝަނަށް އަންނަނީ ލިބެމުންނެވެ. އަދި މިފަދަ އެއްވުންތަކުގައި ނޫސްވެރިންނާ މެދު ތަފާތު ކުރުން ގެންގުޅުމާއި ނޫސްވެރިންނަށް ތަފާތު އަނިޔާތައް ލިބެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ޤާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މި ފުރުސަތުގައި މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭޙަތްތެރިވަމެވެ.

ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިފުރުސަތުގައި އަރުވަމެވެ.

 

20 ފެބްރުއަރީ 2021