ސަރުކާރުގެ އިދާރާއަކުން މީޑިއާތަކަށް ފިޔަވަޅު އަޅަމުންދާތީ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުން

June 25, 2021

 

ނޫސް ބަޔާން

(PR)427-BUR/INDIV/2021/1 ނަންބަރު:

ސަރުކާރުގެ އިދާރާއަކުން މީޑިއާތަކަށް ފިޔަވަޅު އަޅަމުންދާތީ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުން

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ޑިމޮކްރަސީ އާލާކުރުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (2010/16) ގައި އެކަށައަޅާފައިވާ މަޤްޞަދުތަކެއް ކަމުގައިވާތީ، މި މަޤްޞަދުތައް ޙާސިލްކުރުމަށް ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

22 ޖޫން 2021ގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، އަނިޔާވެރިގޮތަކަށް މަރާލި ހާދިސާގެ ޚަބަރުތައް ބައެއް ބްރޯޑްކާސްޓަރުން ގެނެސްދީފައިވާ ގޮތް ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ކޮމިޝަނުން އަންނަނީ އެކަންކަން ބަލަމުންނެވެ.

އެހެންނަމަވެސް، 24 ޖޫން 2021ގައި، މި ހާދިސާއާ ގުޅޭ ޚަބަރުތައް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) ން އެ މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅާފައިވާތީ، އެކަމުގެ ކަންބޮޑުވުން ކޮމިޝަނުން ފާޅުކުރަމެވެ. އަދި ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު މިފަދަ ފިޔަވަޅެއް އެޅުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާނެ ކަމެކެވެ.

ދިވެހިރާއްޖޭގެ އެކި ޤާނޫނުތަކުން މީޑިއާތަކަށް ފިޔަވަޅުއެޅުމަށް ފުރުސަތު ލިބިދީފައިވާތީ، އެކަމަކީވެސް މި ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ. އަދި ޤާނޫނުތަކުގައި ހުރި މިފަދަ ފުށުއެރުންތައް އެއްގޮތްކޮށް، އިޞްލާޙްކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ދަރަޖައަށް ދިނުމަށް ޤާނޫނުތައް ބައްޓަންކުރުމަށް، އެކަމާ ގުޅޭ ލަފާ ސަރުކާރަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މީޑިއާގެ ޙައްޤުތައް، ޚާއްޞަކޮށް ބްރޯޑްކާސްޓަރުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެއްބާރުލުމާއި، އެހީތެރިކަން ފޯރުވައިދިނުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ބާރު ލިބިގެން މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި، ކޮމިޝަން ދެމި އޮންނާނޭ ކަމުގެ ޔަޤީންކަން ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ފުރުސަތުގައި އަރުވަމެވެ.

އަދި، ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައާއި، މިފަދަ އެންމެހާ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، ކޮމިޝަނުން އެކުލަވާލާފައިވާ “ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ޢަމަލު ކުރަންވީ ގައިޑްލައިން”ގެ ހަމަތަކާ އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް މި ފުރުސަތުގައި ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

 

24 ޖޫން 2021