ރިޔާސީ އިންތިޚާބުގެ ކަވަރޭޖްގެ މޮނިޓަރިންގ މަސައްކަތް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފި

August 12, 2013

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ބްރޯޑްކާސްޓިން ކަވަރޭޖް މޮނިޓަރކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ރިޔާސީ އިންތިޚާބު މޮނިޓަރކުރުމުގެ ގޮތުން ކޮމިޝަނުން މޮނިޓަރކުރަން ހަމަޖެހިފައިވަނީ ކެންޑިޑޭޓުންނަށް ރޭޑިއޯ/ޓީވީ ސްޓޭޝަންތަކުން “ޑިރެކްޓް އެކްސަސް”ގެ ގޮތުގައި ދޫކުރާ ވަގުތާއި ޓީވީ ސްޓޭޝަންތަކުގެ “ޕްރައިމް ޓައިމް” ކަމުގައިވާ ކޮންމެ ރެއަކު 08:00 އިން 11:00 އަށް ފޮނުވާ ކޮންޓެންޓްއެވެ.

ޑިރެކްޓް އެކްސަސް މޮނިޓަރކުރުމުގައި އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ހަމަހަމަކަމާ އެކު ވަގުތުދޫކޮށްފައިވޭތޯ އާއި މި ޤާނޫނުގައިވާ ގޮތަށް ވަކި ކެންޑިޑޭޓަކަށް ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރެވިފައިވާ ވަގުތު 10 ޕަސަންޓަށްވުރެ އިތުރުވޭތޯ ބަލާނެއެވެ. ހުރިހާ ރޭޑިއޯ/ޓީވީ ސްޓޭޝަންތަކަކަށް އެ ފަރާތުން ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވާ މަޢުލޫމާތުގެ ތަފްސީލު ހުށަހެޅުމަށް ވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ޕްރައިމްޓައިމް މޮނިޓަރ ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ޕްރައިމް ޓައިމްގައި ގެންނަ ޚަބަރު އަދި ޕްރޮގްރާމްގެ އިތުރުން ފިލާރސްގައި ސަރުކާރާއި، ކެންޑިޑޭޓުންނަށާއި އިލެކްޝަން ކޮމިޝަނަށް ދީފައިވާ ވަގުތާއި އަދި މި ފަރާތްތަކުގެ ކަވަރޭޖް ގެނެސްފައިވަނީ ޕޮޒިޓިވް، ނިއުޓުރަލް އަދި ނެގެޓިވް ޓޯނެއްގައިތޯ މޮނިޓަރ ކުރެވޭނެއެވެ. ޖުމްލަ 10 ޓީވީ ސްޓޭޝަންގެ ޕްރައިމް ޓައިމް މޮނިޓަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ކަމަށްވާ ޓީވީއެމް އަދި ކޮމާރޝަލް ސްޓޭޝަންތައް ކަމުގައިވާ ރާއްޖެޓީވީ، ދިޓީވީ، ވީޓީވީ، ދިއެފްއެމް ޕްލަސް، ސަންޓީވީ ޕްލަސް،  ޗެނަލް13،  ޗެނަލް1، ޖަޒީރާ ޓީވީ އަދި ޔެލް ޓީވީ ހިމެނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މި ކޮމިޝަން ވުޖޫދަށް އައުމުގެ ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު ކަމަށްވުމާއިއެކު ބްރޯޑްކާސްޓަރުންނާ ގުޅޭ ކަންކަމަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއިން ބަލަމުން ގެންދާ ކަންކަމުގައި ވީހިނދު ކޮމިޝަނުން ވަނީ މި މަސައްކަތް އަމަލީގޮތުން ފަށައިފައެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ބްރޯޑްކާސްޓަރުން ގެނެސްދީފައިވާ ކޮންޓެންޓާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށް އާންމުކުރުމަށްވެސް ވަނީ ކޮމިޝަނުން ނިންމާފައެވެ.

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމުގެ ގޮތުން ކޮމިޝަނުގެ މުވައްޒަފުންގެ ތެރޭގައި ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވާ ލާފައެވެ. މި މަސައްކަތާއި ގުޅިގެން ކޮމިޝަނުގެ ރަސްމީ ގަޑި ވަނީ ހެނދުނު 8:00 އިން 16:00 އަށް ހަމަޖައްސާ ކޮންމެ ހޮނިހިރު ދުވަހަކު 10:00 އިން 15:00 މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއްވެސް އެމެރިކާގެ ފަންނީ މާހިރެއްގެ އެހީތެރިކަމާއި އެކު އެކުލަވާލައި އެންމެހައި ބްރޯޑްކާސްޓަރުންނާއި ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުމަށް ފަހު ކޮމިޝަނުން ފާސްކޮށްފަ އެވެ. މި ގައިޑްލައިން ވަނީ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ. އަދި މި ގައިޑްލައިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.