މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ފަސް ނުކުތާގެ ވަޢުދެއްގައި ސޮއިކުރަން ހަމަޖައްސައިފި

April 24, 2013

މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގެ ގޮތުން ފަސް ނުކުތާގެ ވަޢުދެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލައި، ދައުލަތުގެ މުވައްސަސާތަކުން އެ ވައުދުގައި ސޮއިކުރުން ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހަމަޖައްސައިފައި ވަނީ “މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު”ގައިި ސޮއިކުރުމުގެ ހަރަކާތް 03 މެއި 2013 ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި މާލޭ ހެދިގޮނޑުދޮށުގައި ބޭއްވުމަށެވެ. މި ވަޢުދުގައި ސޮއިކުރުމުގެ ގޮތުން، ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އަށާއި އުއްތަމަފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސިޔާސީ ޕާޓީތަކަށާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ހުރިހާ ކައުންސިލްތަކަށް މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ.

“މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު”ގައި ސޮއިކުރެއްވުން ހިނގަމުންދާ ވަގުތު، “ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް” ގައި ހުރިހާ ބްރޯޑްކާސްޓަރުން ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިުކޮށްފައިވާ “ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް”ގައި ސޮއިކުރުުމުގެ ފުރުސަތު ބްރޯޑްކާސްޓް މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.

“މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު”ގައި ސޮއިކުރެއްވުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ބްރޯޑްކާސްޓަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން ކޮމިޝަނުން ޝުކުރުވެރިކަމާ އެކު ފާހަގަކުރެ އެވެ. އަދި މި ކަމާ މަޝްވަރާކުރުމަށް ބްރޯޑްކާސްޓިން ސްޓޭޝަން ތަކުގެ ސީއީއޯ/ އެމް.ޑީންނާ އެކު ކޮމިޝަނުން މިއަދު ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

“މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު” މި ނަމުގައި މި ކޮމިޝަނުން އެކުލަވާލާފައިވާ ވަޢުދު ތިރީގައި މިވަނީ އެވެ؛

“ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެނެއް ނުވާނެއެވެ.” -ޤާނޫނުއަސާސީގެ 28 ވަނަ މާއްދާ

މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގެ ގޮތުން،

  1. ނޫސްވެރިންނާމެދު އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލުން ކަންތައް ކުރުމަށާއި،
  2. ނޫސްވެރިންނަށް ސަލާމަތާ ރައްކާތެރިކަން ދިނުން،
  3. ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށާއި،
  4. ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް މަގުފަހި ކޮށްދިނުމަށާއި،
  5. ނޫސްވެރިންނަކީ ޑިމޮކްރެސީގެ ފާރަވެރި ބާރުގެ ގޮތުގައި ބަލައިގަނެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދޮރު މިނިވަންކަމާއެކު ހުޅުވާލުމަށް

ވަޢުދުވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މި އަސާސްތައް ޢަމަލީގޮތުން ދަމަހައްޓައި، މިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމުގައި ތެދުވެރިކަންމަތީ ދެމިހުރުމަށް އިޤުރާރުވަމެވެ.