ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓާއި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރިންގ ރިޕޯޓް ކޮމިޝަންގެ ރައީސް ނެރެދެއްވައިފި

October 4, 2018

ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓާއި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރިންގ ރިޕޯޓް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު މިއަދު ނެރެދެއްވައިފިއެވެ.

ކޮމިޝަންގެ ރައީސް މި ދެ ރިޕޯޓް ނެރެދެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ނޫސް ކޮންފަރެންސްގައެވެ.

މި ނޫސް ކޮންފަރެންސްގައި، ނެރެދެއްވި “ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ދަށުން ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓް”ގައި ހިމެނެނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ބްރޯޑްކާސްޓިންގ ސްޓޭޝަން ތަކުން ޚިލާފުވި ކަމަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ޚިލާފުވެފައިވާ މިންވަރާއި އެހަމަތަކާ ޚިލާފުވެފައިވާ ސްޓޭޝަންތަކުގެ މައުލޫމާތެވެ.

މިއަދު ކޮމިޝަންގެ ރައީސް ނެރެދެއްވި ދެވަނަ ރިޕޯޓަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ޚަބަރާއި ސިޔާސީ މަޢުލޫމާތު ގެނެސްދޭ ޓީވީ ޗެނަލްތަކުން، ބްރޯޑްކާސްޓްކުރި ކޮންޓެންޓް ކަވަރުކުރުމުގައި މި ދެންނެވި މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ޢަމަލުކޮށްފައިވާ މިންވަރު ދެނެގަތުމަށާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން، ރިޔާސީ ކެންޑިޑޭޓަކަށް ނުވަތަ އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޗެނަލްތަކުން ހަމަހަމަގޮތެއްގައި ވަގުތު ދިނުމަށް ލާޒިމްކޮށްފައިވާތީ، އެކަން މޮނިޓަރކުރުމަށްފަހު  އެކުލަވާލާފައިވާ ތަފާސްހިސާބުގެ ރިޕޯޓެކެވެ.

މި ނޫސް ކޮންފަރެންސްގައި މި ދެ ރިޕޯޓް ނެރެދެއްވުމުގެ އިތުރުން، ބްރޯކާސްޓް ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، މި ދެ ރިޕާޓާ ބެހޭ މަޢުލޫމާތު ކޮމިޝަންގެ ރައީސް ދެއްވިއެވެ.

މީގެއިތުރުން، މީޑިއާގެ ފަރާތުން ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓް ދާއިރާއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް، ކޮމިޝަންގެ ރައީސާއި ކޮމިޝަންގެ މެމްބަރުން ޖަވާބުދެއްވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސްގެ އިތުރުން، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ އަމްޖަދު ވަހީދާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.