މުޒަހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިނެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފި

May 22, 2013

މުޒަހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރާނެގޮތުގެ ގައިޑްލައިނެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާ ގެޒެޓްކޮށްފިއެވެ.

ހަތަރު މާއްދާއަކަށް ބެހިފައިވާ މި ގައިޑްލައިންގެ ބޭނުމަކީ ބްރޯޑްކާސްޓަރުންނަށް މުޒަހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކޮށްދިނުމުގައި ސަމާލުވާންވީ ކަންކަމާއި އަމަލުކުރަންވީ ގޮތްތަކަށް ބްރޯޑްކާސްޓަރުން ހޭލުންތެރިކޮށް މި ފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ މަގު ދައްކައިދިނުމެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ މި ޤައިޑްލައިން އިތުރުން ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްޤުތައް ހިމާޔާތްކުރުމުގެ ގައިޑްލައިނާއި، ކުޑަކުދިން ހިމާޔަތްކުރުމުގެ ގައިޑްލައިނާއި، ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ރިޕޯޓް ކުރުމުގެ ގައިޑްލައިން އެކުލަވާލާފައެވެ.

މީގެ އިތުރުން ކޮމިޝަނުން މިހާރު މަސައްކަތްކުރަމުންދަނީ އިންތިހާބު ކަވަރުކުރާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.

މުޒަހަރަތަކާއި ހަލަބޮލިހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.