ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކޮށްފި

February 6, 2019

ރީބްރޯޑްކާސްޓް ގަވާއިދަށް މައިގަޑު އިސްލާހުތަކެއް ގެނައުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި މި އިސްލާހަކީ، ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންއައި މަސައްކަތުކުގެ ދަށުން، ރީބްރޯޑްކާސްޓަރުންނާއި އާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލާފައިވާލައި ލިބިފައިވާ ޚިޔާލުތައް ހިމެނުމަށްފަހު އެކުލައިލި ޤަވައިދެކެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު އިސްލާހުކުރުމުގެ މައިގަނޑު މަޤްސަދަކީ، މިހާތަނަށް އަމަލު ކުރަމުންއައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012 (R-20/އަކީ މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށުނު ގަވާއިދަކަށްވުމާއެކު ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލައި މި ގަވާއިދު ތަންފީޒުކުރުމަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ. އަދި ޒަމާނީ ވަސީލަތެއް ކަމުގައިވާ ޑިޖިޓަލް ޓެރެސްޓްރިއަލް ޓްރާންސްމިޝަން ޓެކްނޯލޮޖީ ބޭނުންކޮށްގެން ދިވެހި ޗެނެލްތައް ރީބްރޯޑްކާސްޓްކުރުމަށް މަގުފަހުކުރުމުގެ ގޮތުން މި ފަދަ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދެވޭނޭ އުސޫލުތައް ވެސް މި ޤަވާއިދުގައި ހިމެނިފައި ވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މި ޤަވާއިދުގެ ދަށުން ކުރުމަށް ލާޒިމުކުރާ އެންމެހައި ކަންކަން ކުރުމަށް ސަމާލުކަން ދިނުމަށް ހުރިހާ ރީބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ވެސް މިހާރު ވަނީ ކޮމިޝަނުން އިސްލާހުތަކެއް ގެނައުމަށްފަހު ގެޒެޓްކޮށްފައެވެ.