ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލައިފި

March 16, 2017

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް އިސްލާހުކުރުމުގެ މަސައްކަތް ނިމިފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީއަށް އާއްމުންގެ ޚިޔާލު ހޯދުމުގެ ގޮތުން، އެ ގަވާއިދަށް ކޮމެންޓް ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމުގެ މައިގަނޑު މަޤްސަދަކީ، މިހާރު އަމަލު ކުރަމުންގެންދާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) އަކީ މީގެ ފަސް އަހަރު ކުރިން ނެރެފައިވާ ގަވާއިދުތަކަކަށްވާތީ މި ގަވާއިދުތައް ތަންފީޒުކުރުމަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، އަދި ޤާނޫނު ނަމްބަރ 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ވުޖޫދަށް އައުމާއި ގުޅިގެން އެ ޤާނޫނުގެ ދަށުން މި ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ގަވާއިދުގައި ހިމެނުމެވެ.

މި ކަމާ ގުޅިގެން ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ވަނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2017ގެ 10:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް ކޮމިޝަނުގެ އީމެއިލް: info@broadcom.org.mv އަށް ފޮނުވުމަށެވެ.

ގަވާއިދު އިސްލާހުކުރުމުގެ މި މަރުހަލާގެ ތެރެއިން އިސްލާހުކުރެވިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދެލިކޮޕީ ވެސް 16 ފެބުރުވަރީ 2017 އިން 2 މާރިޗު 2017އަށް ޚިޔާލު ހޯދުމަށް ޢާއްމުކޮށް ހުޅުވާލާފައި ވެއެވެ.