އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކުގެ ލައިވް ކަވަރޭޖް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ހަމައެކަނި ރާއްޖެ ޓީވީއަށް ދީފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއާބެހޭ

October 13, 2015

ނޫސް ބަޔާން

އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކުގެ ލައިވް ކަވަރޭޖް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ވަކި ޗެނަލަކަށް ދިނުމަކީ، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަން އަންނަ ކަމަކަށް ވީހިނދު؛

 އަދި ވަކި ޗެނަލަކަށް އެކްސްކުލޫސިވް ރައިޓްސް ދިނުމުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 2ވަނަ މާއްދާގެ (ހ) “ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 2ވަނަ މާއްދާގެ (ނ) “މި ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްފަރާތަށްވުރެ ގިނަފަރާތަކަށް ބައިވެރި ވެވޭނެގޮތް، ހަމަޖައްސައިދިނުމާއި،ތަފާތު ބާވަތުގެ ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް، ފުރުސަތު ލިބޭނެގޮތް ހަމަޖައްސައިދިނުން” ގެ މަޤްސަދަށް އުނިކަން އަންނަ ކަމަށް ވެސް ވީހިނދު؛

އަދި ސިޔާސީ ޕާޓީގެ ޤާނޫނުގެ 6ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ “ޕާޓީގެ އެންމެހައި ކަންކަން ފާޅުކަންބޮޑުކޮށް ދެފުއްފެންނަ ގޮތަށް ބެހެއްޓުން” އަދި މި މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ “ޕާޓީގެ ކަންކަން މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށް ރައްޔިޔުންނަށް ހާމަކުރަމުން ގެންދިއުން” ކަމުގައި ބުނެފައިވީ ހިނދު، މި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ކަމެއްކަމަށް ކޮމިޝަނަށް ފެނުނު ހިނދު؛ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ނޫސްވެރީންނަށް ލިބިދީފައި އޮތް ހައްޤު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނޭ ފަދަ މާހައުލެއް ދެމެހެއްޓުމުގެ ގޮތުން ހަމަހަމަކަމާއެކު ބްރޯޑްކާސްޓަރުންނަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި މީޑިއާއަށް ފުރުސަތުލިބޭނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ.

13 އޮކްޓޫބަރ 2015