އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ޗެނަލްތަކުގެ ލިސްޓުގައި ޓީވީއެމް ހިމެނިކަމަށް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އިންޑިއަން ހައިކޮމިޝަނާ ބައްދަލުކޮށްފި

March 25, 2012

ނޫސް ބަޔާން

  އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ޓީވީ ޗެނަލްތަކުގެ ލިސްޓަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން، ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ކަމަށްވާ ޓެލެވިޒަން މޯލްޑިވްސް އިތުރުކޮށް އެ ޗެނަލް ބްލޮކްކުރަން އިންޑިއާ ސަރުކާރުން އެ ތާނގެ ޕާލަމެންޓަށް ހުށަހަޅައިފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެން މި ކަމުގެ ހަގީގަތް އޮޅުންފިލުވައި އިންޑިއާގެ ރަސްމީ ބަހެއް ހޯދުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން، މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާއެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުން އަންނަނިވި ކަންތައްތައް އިންޑިއަން ހައިކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

  1. އިންޑިއަން ޓެލެވިޒަން ޑޮޓްކޮމް” ވެބްސައިޓާ ހަވާލާދީ ރާއްޖޭގެ މީޑިއާގައި މި ޚަބަރު ގެނެސްދީފައި ވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި މި ކަމުގައި އިންޑިއަން ހައިކޮމިޝަންގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފައިނުވާކަން.
  2. އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ މަންޒަރާއި އަޑު ފޮނުވާ 25 ޓީވީ ޗެނަލް ބްލޮކް ކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން އެ ގައުމުގެ ޕާލަމެންޓަށް ހުށަހަޅައިފައިވާ ކަމަށް ރާއްޖޭގެ މީޑިއާގައި ޚަބަރު ފަތުރައިފައިވާއިރު، މި ޚަބަރުގައި ހަވާލާ ދީފައިވާ “އިންޑިއަން ޓެލެވިޒަން ޑޮޓްކޮމް” ގައި ބުނެފައި ވަނީ މި ލިސްޓް ތައްޔާރުކޮށްފައި ވަނީ އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓް މިނިސްޓްރީންކަން.
  3. ހަގީގަތާ ޚިލާފަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ނަން މި ޚަބަރުގައި ބޭނުންކޮށްފައިވާކަމީ ޑިމޮކްރެޓިކް ވެއްޓެއްގައި ޒިންމާދާރު ގޮތެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްފައިނުވާ ކަމުގެ ހެއްކެއްކަން.
  4. މި ލިސްޓުގައި ޓެލެވިޒަން މޯލްޑިވްސް ހިމަނާފައިވަނީ އިންޑިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ފޮނުވާ ޗެނަލެއްގެ ގޮތުގައި ކަމަށް ދޭހަވާ ގޮތަށް މީޑިޔާގައި ރިޕޯޓްކޮށްފައިވާއިރު، މި ލިސްޓުގައި ޓީވީއެމް ހިމަނާފައިވަނީ އިންޑިޔާގެ ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ދިނުމާބެހޭ ޤަވާޢިދާ ޚިލާފަށް އެ ޤައުމުގައި ދައްކާ 25 ޗެނަލްގެ ތެރޭގައިކަން މި ޚަބަރުގެ މަސްދަރުގެ ގޮތުގައި ބޭނުންކޮށްފައިވާ “އިންޑިޔަން ޓެލެވިޜަން ޑޮޓް ކޮމް” ގެ އާޓިކަލްގައި ކަޑައެޅިގެން ބަޔާންކޮށްފައިވާކަމާއި މީގެ ތެރެއިން އިންޑިޔާގެ މާހައުލާ ނުގުޅޭ އަދި ޤައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ފޮނުވަނީ ބައެއް ޗެނަލް ތަކުން ކަންވެސް ކަޑައެޅިގެން ބަޔާންކޮށްފައިވާ ކަމާއި ޓެލެވިޜަން މޯލްޑިވްސްއަކީ މިފަދައިން ކޮންޓެންޓް ފޮނުވާ ޗެނަލެއްކަން ބަޔާންކޮށްފައި ނުވާކަން.

  ވީމާ މި ޚަބަރު ގެނެސްދިނުމުގައި ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ބަދުނާމްވާފަދަ ޙަޤީގަތާއި ޚިލާފު މަޢުލޫމާތު ހިމަނައިފައިވާކަން ފާހަގަކޮށް، ޚަބަރު ފެތުރުމުގައި ނޫސްވެރިކަމުގެ މައިގަނޑު އަސާސްތަކަށް ރިޢާޔަތްކޮށް ޒިންމާދާރު ކަމާއެކު މަޢުލޫމާތު ފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ.

25 މާޗު 2012