ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް މޮނިޓަރކުރިގޮތުގެ ރިޕޯޓް ނެރެފި

April 18, 2019

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް މޮނިޓަރކުރިގޮތުގެ ރިޕޯޓް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރެފިއެވެ.

މޮނިޓަރިންގ ގެ މަސައްކަތް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދޭ 8 (އަށެއް) ޓީވީ ޗެނަލެއްގެ ކޮންމެ ރެއެއްގެ ޕްރައިމް ޓައިމް ކަމުގައިވާ 20:00 އިން 00:00 ގެ ނިޔަލަށް ބެލުމަށްފަހުއެވެ. އަދި “ޑިރެކްޓް އެކްސެސް” ގެ ގޮތުގައި މޮނިޓަރ ކޮށްފައިވަނީ ސްޓޭޝަންތަކުން ކެންޑިޑޭޓުންނަށް ނުވަތަ ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ވަގުތުގެ ޝެޑިއުލާއި އަދި އިންތިޚާބު ނިމުމަށްފަހު އެ ސްޓޭޝަނަކުން ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ޚާއްޞަކުރި ވަގުތު ދީ ނުވަތަ ވިއްކި ގޮތުގެ ރިޕޯޓުގައިވާ މަޢުލޫމާތުން ހިސާބު ހެދުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު ގެ 2 ވަނަ މާއްދާ (ބ) ގެ ދަށުން ޑިރެކްޓް އެކްސެސް ޝެޑިއުލް 5 (ފަހެއް) ސްޓޭޝަނަކުން ހުށަހަޅާފައިވެއެވެ.

05 މާރިޗު އިން 04 އެޕްރީލް 2019 ގެ ނިޔަލަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓް މޮނިޓަރކުރި އިރު އެއްވެސް ޗެނަލަކުން ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފުވެފައިވާކަމަށް މޮނިޓަރިންގގައި ފާހަގަކޮށްފައި ނުވެއެވެ. އަދި ކޮންޓެންޓާ ގުޅޭ އެއްވެސް ޝަކުވާއެއް ވެސް މި މުއްދަތުގައި ކޮމިޝަނަށް ހުށަހެޅިފައެއް ނުވެއެވެ.