ކޮމިޝަން ބައިވެރިވާ “އާރޯ” ހަރަކާތުން ރޮހިންގާ މުސްލިމުންނަށް ހަތަރު ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

September 25, 2017

މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން “އާރޯ”ގެ ފަރާތުން ހަތަރު ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

“އާރޯ” އަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ހިމެނޭގޮތުން، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ވެރީންނާއި މުވައްޒަފުންގެ ފަރާތުން އިޖުތިމާޢީ ކަންކަން ހިންގުމަށް އުފައްދާފައިވާ ހަރަކާތެކެވެ.

“އާރޯ”ގެ 12 މުއައްސަސާއަކުން ގުޅިގެން ހިންގި ފަންޑު ހޯދުމުގެ ހަރަކާތްތަކުން ލިބުނު މި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްފައިވަނީ، ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް ފައިސާ ހޯދުމަށް ސެޕްޓެމްބަރ 23 އިން 24 އަށް މީޑިއާތަކުން ބޭއްވި ޚާއްސަ ޓެލެތޯނަށެވެ. މި ފައިސާއަކީ، މި ބާރަ މުއައްސަސާގެ މެންބަރުންނާއި މުވައްޒަފުން ރޮހިންގާ މުސްލިމުންނާ އެކުގައި ތިބިކަން ރަމްޒުކޮށްދިން އަގުހުރި ހަދިޔާއެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މި ފަންޑަށް ހަދިޔާކުރި -/13000ރ. ގެ ތެރޭގައި ހިމެނެނީ މި ފަންޑަށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކޮމިޝަންގެ މެންބަރުންގެ އެއް ދުވަހުގެ މުސާރައާއި މުވައްޒަފުން ބައިވެރިވެގެން އެއްކުރި ފައިސާއެވެ.

ރޮހިންގާ މުސްލިމުންގެ ފަންޑަށް ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި “އާރޯ” ގެ ފަރާތުން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ގިނަ މުއައްސަސާތަކުގެ އިސް ވެރިންނާއި، ފަންޑު ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މުއައްޒަފުން ބައިވެރިވިއެވެ.