ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި

September 22, 2018

 

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަ ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިރޭ ޢާންމުކޮށްފައިވާ ސަރކިއުލަރގެ މުހިންމު ބައިތަކެވެ.

“‘މިއަދުގެ ހަވީރު 0600 ގެ ނިޔަލަށް ރިޔާސީ އިންތިޚާބުގެ ކެންޕެއިންކުރުމަށް ޤާނޫނީ ގޮތުން ލިބިފައިވާ މުއްދަތު ހަމަވެފައިވުމާއެކު ވެސް، މިރޭގެ ވަގުތުތަކުގައި ބައެއް ބްރޯޑްކާސްޓަރުން އިންތިޚާބާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރަމުން ދާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި ކަމަކީ ޤާނޫނުތަކުން މަނާކޮށްފައިވާ ކަމެއްކަމުން މި ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކުރަމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުވުމަށާއި، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ.

އަދި ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.”