މަޢުލޫމާތު ހާމަކުރުމާއި އާންމުކުރުމުގެ ސިޔާސަތެއް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އަމަލުކުރަން ފަށައިފި

May 19, 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހާމަކުރުމާއި އާންމުކުރުމުގެ ސިޔާސަތާއި އުސޫލުތައް އެކުލަވާލައި މި ސިޔާސަތަށް ކޮމިޝަނުން އަމަލުކުރަން ފަށައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ މައުލޫމާތު ހާމަކުރުމާއި އާންމުކުރުމުގެ ސިޔާސަތުގައި ވަނީ މައިގަނޑު ދެ ބައެކެވެ. އެއީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމާ އެކު،ކޮމިޝަނުގެ ހަރަކާތްތަކާއި ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތަށް އެންމެ ފުޅާ ދާއިރާއެއްގައި ޝާއިއުކުރުމާއި އާންމުކުރުމާއި، އެއްވެސް ފަރާތަކުން މައުލޫމާތަކަށް އެދިއްޖެނަމަ މަޢުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން، ކޮމިޝަނުން ނިންމާ ނިންމުންތަކާއި، ފޯރުވައިދޭ ޚިދުމަތަތްތަކާއި، ކުރާ މަސައްކަތްތަކާއި މިކަންކަމާ ގުޅުންހުރި އެންމެހާ މަޢޫލޫމަތު އެއްވެސް ފަރުދަކަށް އަދި ފަރާތަކަށް ތަފާތު ކުރުމެއްނެތި މިނިވަންކަމާ އެކު ހާމަކުރުމެވެ.

މި ސިޔާސަތުގެ ދަށުން މަޢުލޫމާތު ހާމަކުރުމާއި އާންމުކުރުން ތަންފީޒުކުރާނެ ގޮތުގެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް ކޮމިޝަނަށް އެދެންވާނީ “މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް” މެދުވެރިކޮށެވެ.

މި ސިޔާސަތު ކޮމިޝަނުން ފާސްކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކުރުމަށްފަހު މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އަދި މައުލޫމާތަށް އެދޭ ފޯމް ކޮމިޝަންގެ ވެބްސައިޓް އަދި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.