ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފަށް ޚިދުމަތް މެދުކަނޑާލާފައިވާތީ ރާއްޖޭ ޓީވީ ޖޫރިމަނާކޮށްފި

February 22, 2018

“ރާއްޖެ ޓީވީ” ޗެނެލް ގެ ޚިދުމަތް، 8 ފެބުރުވަރީ 2018 ދުވަހުގެ ރެއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 40 ވަނަ މާއްދާއާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާއާ ޚިލާފަށްކަމަށް ވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ސްޓޭޝަން  ޖޫރިމަނާ ކޮށްފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ ގަވާއިދުގެ ޖަދުވަލު 3 ގެ 2 ވަނަ ނަންބަރުގެ ދަށުން, “ރާއްޖެ ޓީވީ” 2,000ރ (ދެ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަމަށް މިކަމާ ގުޅިގެން ކޮމިޝަނުން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި ޖޫރިމަނާއަށް ވާ ފައިސާ، 20 މާރިޗު 2018 ގެ 12:00 ގެ ކުރީން ކޮމިޝަނަށް ދެއްކުމަށާއި މި ނިންމުމާ ދެކޮޅަށް ކަމާ ބެހޭ އިދާރާއަށް ހުށަހެޅުމުގެ ޙައްޤު ރާއްޖެ ޓީވީއަށް ލިބިފައިވާކަން ވެސް މިސިޓީގައި ފާހަގަކޮށްފައިވެއެވެ.