ނިމިގެން ދިޔަ 17 ވަނަ ސާރކް ސަމިޓުގައި އަހަރަކު އެއްފަހަރު “ސާރކް މީޑިއާ ދުވަހެއް” ފާހަގަ ކުރަން ނިންމުމާއި ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ސާރކްގެ ގައުމުތަކުގެ ވެރިންނަށް ޝުކުރު ދެންނެވުން

November 21, 2011

ނިމިގެން ދިޔަ 17 ވަނަ ސާރކް ސަމިޓުގައި އަހަރަކު އެއްފަހަރު “ސާރކް މީޑިއާ ދުވަހެއް” ފާހަގަ ކުރަން ނިންމި ނިންމުމަކީ އަޅުގަނޑުމެން އެންމެނަށް ނުހަނު އުފާލިބިގެން ދިޔަކަމެކެވެ. އެހެންކަމުން މިފުރުޞަތުގައި ސާރކް މެންބަރ ޤައުމުތަކުގެ އެންމެހާ އިސްވެރިންނަށް ނުހަނު އަދަބުވެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. މިދުވަސް ވެގެންދާނީ ސާރކް ޤައުމުތަކުގެ މީހުންގެ މެދުގައި ސަޤާފަތް ދެނެގަތުން ކުރިއަރުވައި އެއްބަޔަކު އަނެއްބަޔަކާ ގުޅުވާދޭ މެދުވެރިއަކަށެވެ. މީގެ އިތުރުން ޑިމޮކްރަޓިކް އުޞޫލުތަކުގެ އަލީގައި ޤައުމު ބިނާކުރުމާއި، މުޖްތަމަޢު ބައްޓަންކުރުމާއި، އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމުގައި މީޑިއާގެ ދައުރާއި މަސްއޫލިޔަތު ތަކުގެ އަގު ވަޒަންކޮށް، މީޑިއާގެ ތަރައްޤީއަށްޓަކައި ސަރަޙައްދީ ފެންވަރުގައި އެއްބައިވަންތަކަމާއެކު އެއްބާރުލުންދީ ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ މަގުފަހިވެގެން ދާނެކަމާއިމެދެ އެއްވެސް ޝައްކެއް ނެތެވެ.

މި ކޮމިޝަންގެ ފަރާތުން ހުށަހެޅުނު ކޮންސެޕްޓް ޕޭޕަރެއްގެ މައްޗައް ބިނާކުރެވިގެން ސާރކް މީޑިއާ ދުވަހެއް ފާހަގަ ކުރުމަށް، ސާރކް މެންބަރ ޤައުމު ތަކުގެ އިސްވެރިން ނިންމެވި ނިންމެވުމަކީ އެކަމަށްޓަކައި އަޅުގަނޑުމެން އިންތިހާއަށް ޝުކުރުވެރިވާ ކަމެކެވެ. އަދި މިދުވަހާއި ގުޅޭގޮތުން ސަރަޙައްދީ ކޮންފަރެންސެއް ބޭއްވުމަށް ނިންމެވުމަކީ މިދުވަސް ފާހަގަކުރުމުގެ މަޤްޞަދައް އިތުރު ފަހިކަމެއް ލިބިގެން ދާނެކަމެކެވެ.

ސާރކް މީޑިއާ ދުވަސް ފާހަގަ ކުރުމަށް ހުށަހެޅުމުގައި އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކުރީ މިދާއިރާ އިތުރަށް ކުރިއެރުވުމަށް ފަންނީ އެހީއާއި އެއްބާރުލުން ހޯދުމުގެ މަޤުޞަދުގައެވެ. އަދި ސަރަޙައްދީ ފެންވަރުގައި މިދާއިރާ ތަރައްޤީ ކުރުމަށް ހުރިހާ މެންބަރު ޤައުމުތަކުން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށް، ކޮންމެ ޤައުމެއްގައިވެސް ތައްޔާރުކުރާ އަމިއްލަ އުފެއްދުންތައް އެހެން ޤައުމުތަކާއި ހިއްސާކުރެވޭނެ ނިޒާމެއް އެކަށައެޅުމުގެ ނިޔަތުގައިވެސް މެއެވެ.

އަޅުގަނޑުގެ ނަޒަރުގައި ޞަރައްހަދީ ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ރަޙްމަތްތެރިކަމާއި ގާތްކަން ބަދަހި ކުރުމުގައި މަޢުލޫމާތު ބަދަލު ކުރުމަކީ މިކަމުގައި އެންމެ މުހިންމު އަސާސެވެ. ހަމަޔަޤީނުންވެސް މިކަމުގައި މައިގަނޑު ދައުރެއް އަދާކުރާނޭ އެއްވަޞީލަތަކީ މީޑިއާ އެވެ. އެހެންކަމުން ލިބިފައިމިވާ ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފުމަށް މިދާއިރާގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

ނިންމާލުމުގެ ކުރިންވެސް މި ކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަކިން ޚާއްސަކޮށް ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މިކޮމިޝަންއިން ކުރެވެން އޮތް އެންމެހާ މަސައްކަތް ކުރާނޭ ކަމުގެ ޔަޤީންކަން އެންމެހާ ފަރާތްކަށް އަރުވަމެވެ.