ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-02/2020)

September 10, 2020

ޝަކުވާ ނަމްބަރު: SPCOM-02/2020

ޝަކުވާ ހުށަހެޅި ތާރީޚް: 5 ސެޕްޓެންބަރު 2020

ޚުލާސާ: މިއީ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 03 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 13:00 އިން 13:09 އަށް “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްގައި “އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށްވެސް، ވާހަކައަކީ، އިބްރާހީމް މުހައްމަދު ސާލިހް ގައިގައި އަލިފާން ޖަހަން” ގޮވާލާ ދައްކާފައިވާ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައިފައިވާ މައްސަލައެކެވެ.

 ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި، މިގޮތުން؛

މައްސަލައަށް ޖަވާބުދާރީވެ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި “ރައްޔިތުންގެ އަޑު ޕްރޮގްރާމް” ގައި އާންމު ފަރާތަކުން ދެއްކި ކަމަށް ތުހުމަތުކުރެވިފައިވާ ކޮންޓެންޓާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން އެ ކޮންޓެންޓްވެސް ހިމެނޭގޮތަށް ޖިނާޢީ ތަޙުޤީޤެއް ފަށްޓައި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާކަމާއި، އެ ޗެނަލްގެ ތިން ފަރާތެއް ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމާއި، ޖިނާއީ ތަޙުޤީޤެއް ހިނގަހިނގާ އޮތް ކަމެއްގައި ތަޙުޤީޤުގެ މެދުން ވަކި ފިޔަވަޅެއް އެޅުމަކީ ނުވަތަ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރާފަދަ އަދުލުވެރި އިދާރީ ފިޔަވަޅަކަށް ނުވުމުގެ ފުރުސަތު ބޮޑުކަމާއި، މިގޮތުން އެއްކުށަކަށް ދެ އަދަބެއް ނުވަތަ ދެފަހަރު ފިޔަވަޅު އެޅުމަކީ ކޮމިޝަނުން ނިންމާ ނިންމުގެ ނަތީޖާކަމަށް ވެގެން ހިނގައިދާނެކަމަށް ފާހަގަކޮށްފައިވާކަމާއި، 6 އޮކްޓޫބަރު 2020 ގެ ނިޔަލަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނިކޮށް، ކޮމިޝަންގެ ކުއްލިނުރައްކަލުގެ ހާލަތުގައި ޝަކުވާބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރަމުންދާ އުޞޫލު އެއްފަރާތްކުރުމަށްފަހު، ޢާންމު ގަވާއިދު (ކޯޑް އޮފް ޕްރެކްޓިސް) ގެ ދަށުން މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫންކަމާއި، ޙާއްޞަ އުޞޫލެއްގެ މައްޗަށް ޢާންމު އުޞޫލު ތަތްބީޤު ކުރުމަކީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ވެސް އަދި ޤާނޫނީ ނިޒާމުވެސް ދަންނަކަމެއް ނޫންކަން ފާހަގަކޮށްފައިވީނަމަވެސް؛

މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 03 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 13:00 އިން 13:09 އަށް “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްގައި  “އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށްވެސް، ވާހަކައަކީ، އިބްރާހީމް މުހައްމަދު ސާލިހް ގައިގައި އަލިފާން ޖަހަން.” ގޮވާލާ ދައްކާފައިވާ ވާހަކަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖިނާޢީ ތަޙުޤީޤެއްގެ ގޮތުގައި ކުރިޔަށްގެންދިޔަކަމުގައި ވީނަމަވެސް، ކޮމިޝަނުން ބަލަމުން ގެންދާ މި މައްސަލައަކީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން
03 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 13:00 އިން 13:09 އަށް “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބެލެވޭތީ ކޮމިޝަނުން ބަލަމުންދާ މަދަނީ މައްސަލައެއް ކަމާއި؛

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙުޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 03 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 13:00 އިން 13:09 އަށް ބްރޯޑްކާސްޓްކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގެ މުޅި ކޮންޓެންޓަށް ނަޒަރުކުރާއިރު،  “އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށްވެސް، ވާހަކައަކީ، އިބްރާހީމް މުހައްމަދު ސާލިހް ގައިގައި އަލިފާން ޖަހަން”  ގޮވާލާ ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 1 ވަނަ ހަމައިގެ 2 ވަނަ ނަންބަޜާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 1 ވަނަ ހަމައިގެ 3 ނަންބަރާ ޚިލާފް ކޮންޓެންޓެއްކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި މިއީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 1 ވަނަ ހަމައިގެ 2  ވަނަ ނަންބަރާއި،  ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 1 ވަނަ ހަމައިގެ 3 ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން ޚިލާފުވާ ފުރަތަމަ ފަހަރުކަމުގައިވީނަމަވެސް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވަމުންދާތީ އާއި މި މައްސަލައިގެ ޚައްޞާޞްކަމަށް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި/ނުވަތަ ކަމާގުޅޭ ގަވާއިދަކާ ޚިލާފުވެއްޖެނަމަ، އެ މައްސަލައިގެ ޒާތަށާއި، ޚައްޞާޞްކަމަށް ބަލައި ޤާނޫނާއި ގަވާއިދުގެ އިމުތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށާއި؛

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، “ރައްޔިތުންގެ އަޑު” ޕްރޮގްރާމް ފެށުމުގެ ކުރިންނާއި 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، 20:00 އިން 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށާއި؛

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އޮން-އެއަރ ޕްރޮގްރާމްތަކުގައި ރައްޔިތުންނަށް ފޯނުކުރާ ފަރާތުން، އެ ރައްޔިތުމީހާ އޮން-އެއަރގައި ސަމާލުވާންވީ ކަންތައްތައް ކިޔާދިނުމަށްފަހުގައި މެނުވީ ފޯނު ކޯލުތައް އޮން-އެއަރ ނުކުރުމަށާއި، ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލައިވް އިވެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ޤާނޫނަކާއި ޚިލާފު ކޮންޓެންޓެއްގެ ބްރޯޑްކާސްޓް އޮންއެއަރވުމުގެ ކުރިން އެފަދަ ކޮންޓެންޓެއް ސެންސަރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޑިލޭއަށް ލައިގެން ބްރޯޑްކާސްޓްކުރެވޭނެ ފަދަ ނިޒާމެއް ޤާއިމުކުރުމަށާއި، މިކަންތައްތައް ރަނގަޅުކުރުމަށްފަހު 20 ސެޕްޓެންބަރު 2020 ގެ ކުރިން ކޮމިޝަނަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

10 ސެޕްޓެމްބަރ 2020