ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

June 12, 2018

ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާ ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާއާއި މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑާއި ދިވެހިރާއްޖޭގެ ގުޅުން ޕްބްލިކް ލިމިޓެޑާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ފީފާ ވޯލްޑްކަޕް ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާއި އަދި އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި، މި މުބާރާތް ގިނަ ޕްލެޓްފޯމްތަކަކުން ގެނައުމަށްޓަކައި ޤާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނެވެ.

ތިރީގައިމިވަނީ މިކަމާ ގުޅިގެން، ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނުގެ މުހިންމު ބައިތަކެވެ.

“ގަވާއިދު ނަންބަރު 2012/R-12 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 38 މާއްދާ އަދި ގަވާއިދު ނަންބަރު  2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާއަށް ނަޒަރުކުރާއިރު، ދިވެހި ރައްޔިތުންގެ ޚާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ނުވަތަ “ލިސްޓަޑް އިވެންޓެއް” ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޙައްޤު ހޯދުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މެދުވެރިކޮށް ރައްޔިތުންނަށް ވީހައިވެސް ފުޅާ ދާއިރާއެއްގައި އެ އިވެންޓެއް ފޯރުވައިދިނުމަށް މަގުފަހިކޮށްދީފައިވާތީ އާއި، ފީފާ ވޯލްޑްކަޕް އަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅައިފައިވާ އިވެންޓަކަށް ވާތީ، މި އަހަރު ރަޝިއާގައި ކުޅޭ ފީފާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިފައިވޭތޯ މި ކޮމިޝަނުން ބެލިބެލުމުން، ފީފާ ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗެތައް ޕަބްލިކް ސަރވިސް މީޑިއާއާ އެ އިވެންޓް މި ސަރަހައްދުގައި ޑިސްޓްރިބިއުޓްކުރުމުގެ ޙައްޤު އޮތް ފަރާތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރައްޔިތުންނަށް ބެލޭނޭ މަގު ފަހިވެފައިވާކަން މިހާރު ކަށަވަރުވެފައި ވާތީ އެކަމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއަށް މަރުހަބާކިއަމެވެ.

މީގެ އިތުރުން، ރާއްޖޭގެ ބައެއް ރީބްރޯޑްކާސްޓަރުން އެ ފަރާތްތަކުގެ ޚިދުމަތުގައި ގެނެސްދޭ ބައެއް ޗެނެލްތަކުން ފީފާ ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް އެކި ފެންވަރު (ހައި ޑެފިނިޝަން އަދި  4K ކޮލިޓީ) ގައި ގެނެސްދިނުމަށް މަސައްކަތްކުރަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ކަމަށް ވެސް ނުހަނު މަރުހަބާކިއަމެވެ.

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދައްކަމުންދާ ޗެނަލްތައް ގެނެސްދޭން ވާނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 30 އަދި 31 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޕެކޭޖްގެ ގޮތުގައި ބައިކޮށް، އެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޗެނަލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން-އެކްސްކްލޫސިވް ޗެނެލް އެއްބަސްވުމެއްގެ ދަށުން އަދި ކޮމިޝަނުން ފާސްކޮށްފައިވާ އަގެއްގައި އަދި އެ ޗެނެލެއްގައި ޤާނޫނާ ޚިލާފު ކޮންޓެންޓެއް ހިނެމިފައި ނުވާ ގޮތުގެ މަތީން ކަމުގައި ފާހަގަކުރަމެވެ.

ވީމާ، ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ރައްޔިތުންނަށް ގެނެސްދިނުމުގައި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކުރިއަށް ގެންދާނޭކަމަށް ކޮމިޝަނުން ޔަޤީންކުރަމެވެ.”

މިއަދުގެ މި ބައްދަލުވުމުގެ އިތުރަށް، ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމާ ގުޅޭގޮތުން އަރާފައިވާ އޮޅުންތައް ފިލުވައިދިނުމަށާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ދިނުމަށް ޕީ.އެސް.އެމާއި، މީޑިއާނެޓާ އަދި ދިރާގާ އެކު ކޮމިޝަނުން ޕްރެސް ކޮންފަރެންސް އެއްވެސް ބޭއްވިއެވެ.

މިއަދުގެ ބައްދަލުވުމާއި، ޕްރެސް ކޮންފަރެންސްގައި މީޑިއާނެޓުގެ ފަރާތުން ސީ.އީ.އޯ އަޙްމަދު ޝަފީއުއާއި އެގްޒެކެޓިވް ޑިރެކްޓަރ ފައިނޭންސް އަޙްމަދު ނާޝިދާއި،ޕީ.އެސް.އެމް.ގެ ފަރާތުން ޑިރެކްޓަރ، ކޮމާރޝަލް އެންޑް މާކެޓިންގ އިބްރާހީމް ނަސްރީނާއި ދިރާގުގެ ފަރާތުން ޑިރެކްޓަރ ބިޒްނެސް ޑިވެލޮޕްމަންޓް އަޙްމަދު މައުމޫން ބައިވެރިވެވަޑައިގަތެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި ނާއިބު ރައީސް އިސްމާޢީލް ޞަފްވާނާއި ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ޙަސަން ނަބާހާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙެވެ.