ކުރީގެ ކޮމިޝަނަރުން


މުޙައްމަދު ޝަހީބު

ކުރީގެ ރައީސް

04 އޭޕްރިލް 2011 – 09 އޮކްޓޯބަރ 2019

 

Mr Mohamed Shaheeb

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަން މުޙައްމަދު ޝަހީބު ވަނީ 21 ނޮވެމްބަރ 2012 އާ ހަމައަށް ކުރައްވައިފައެވެ. އަދި ކޮމިޝަންގެ ފުރަތަމަ ރައީސްގެ މަގާމުން ބަދުރުއްނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަހީބު އިންތިޚާބުކުރީ 21 ނޮވެމްބަރ 2012 ގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ދައުރު ނިމި ދެ ވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކޮށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މެމްބަރުންގެ ތެރެއިން، ކޮމިޝަންގެ ދެ ވަނަަ ދައުރުގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު ޝަހީބު އިންތިޚާބުކޮށްފައި ވަނީ 5 އޭޕްރީލް 2016 ގައެވެ.

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި އެންމެ އުސް ހަރުފަތްތައް ގިރާކުރައްވައިފައިވާ މުޙައްމަދު ޝަހީބު މީޑިއާގެ ދާއިރާއާ ގުޅިވަޑައިގެންފައިވަނީ 1989 ގައި، ހަވީރު ނޫހުގެ ކޮލޮމްބޯ ސްޕެޝަލް ކޮރެސްޕޮންޑެންޓުގެ ގޮތުގަ އެވެ. އޭގެ ފަހުން “ހަވީރު އޮންލައިން” ގެ އެޑިޓަރުގެ މަޤާމާއި، “ހަވީރު” މެނޭޖްމަންޓުން ނެރުނު “ހުވާސް” މަޖައްލާގެ އެޑިޓަރުގެ މަޤާމުގެ އިތުރުން “ހަވީރު”ގެ އެސޯސިއޭޓް އެޑިޓަރުގެ މަޤާމް ވެސް ޝަހީބު އަދާކުރައްވާފައިވެ އެވެ. ފެބްރުއަރީ 2009 ގައި “ހަވީރު”ން ވަކިވެވަޑައިގެން، ސްޓޭޝަން އިންޗާޖުގެ ގޮތުގައި އޭނާ ގުޅިވަޑައިގަތީ، އަލަށް އުފެދުނު ޕްރައިވެޓް ބްރޯޑްކާސްޓަރެއް ކަމަށްވާ ސަން އެފް.އެމް ރޭޑިއޯއާ އެވެ. އެކާވީސް އަހަރަށް ފަހު، ޕްރޮފެޝަނަލް ޖާރނަލިސްޓެއްގެ ކެރިއަރ ނިންމަވާލެއްވުމަށްފަހު 2010 އޮކްޓޯބަރުގައި ސަންއެފް.އެމް އިން ވަކިވެވަޑައިގަތްއިރު ޝަހީބު ހުންނެވީ އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަޤާމުގަ އެވެ.

މީޑިއާގެ ދާއިރާގައި މުޙައްމަދު ޝަހީބު ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ސަރުކާރުން ވަނީ ޤައުމީ ދެ އިނާމް އޭނާ އަށް ދެއްވައިފަ އެވެ. މިގޮތުން، ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު އަދި ލިޔުންތެރިކަމުގެ ދާއިރާއިން 2007 ވަނަ އަހަރު އާންމުޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު މުޙައްމަދު ޝަހީބަށް ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން 2004 ވަނަ އަހަރު “ހަވީރު ރަންގަލަން” އޭނާ އަށް ލިބިވަޑައިގެންފައިވެ އެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން، ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ސަރުކާރުން ދެއްވި “ރިހި ގަލަން” 1993 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2018 ވަނަ އަހަރު ފާހަގަކުރި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގައި ނޫސްވެރިކަމުގެ “އަލިމަސް ގަލަން” ލިބިވަޑައިގެންފައިވެއެވެ.

ނޫސްވެރިކަމުގެ ތަމްރީނުކުރުމުގެ ވަރަށް ގިނަ ކޯސްތަކެއް މާލެ އާއި އަތޮޅުތަކުގައި މުޙައްމަދު ޝަހީބު ވަނީ ހިންގަވައިފަ އެވެ. މިގޮތުން ކުރީގެ ޓެލެވިޒަން މޯލްޑިވްސް އަދި އެމްއެންބީސީގެ ނިއުސް ކާސްޓަރުން ތަމްރީނުކުރުމުގެ ކޯސްތަކުގައި އޭނާ ކިޔަވައިދެއްވައިފައި ވެ އެވެ. އަދި މާލޭ އާއި އަތޮޅުތަކުގެ ވަރަށް ގިނަ ސްކޫލްތަކުގެ އިތުރުން، އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާޥިސް އާއި ހަވީރު ނޫހާއި ސަންއެފްއެމް އާއި ދިޓީވީ އާއި ވީޓީވީގައި ނޫސްވެރިކަމުގެ ކޯސްތައް އޭނާ ހިންގަވައިފައި ވެ އެވެ. އެހެންކަމުން ޝަހީބުގެ ފަރާތުން ދަރިވަރުވެފައިވާ ވަރަށް ގިނަ ނޫސްވެރިން ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުން ދެ އެވެ.

މުޙައްމަދު ޝަހީބު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ 9 އޮކްޓޯބަރ 2019 ގައެވެ.


 

ބަދުރުއްނަސީރު

ކުރީގެ ރައީސް

04 އޭޕްރިލް 2011 – 29 ޖުލައި 2012

mr-badhuru-naseer_1

ބަދުރުއް ނަސީރު އަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފުރަތަމަ ރައީސް އެވެ. 04 އޭޕްރިލް 2011 ގައި ރައީސުލްޖުމްހޫރިއްޔާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރައްވާ ކޮމިޝަނުގެ ރައީސްކަން ވަނީ ބަދުރު ނަސީރު އާއި ހަވާލުކުރައްވާފައެވެ.

ބަދުރު ނަސީރަކީ ދިވެހިރާއްޖޭގެ ބްރޯޑްްކާސްޓިންގ ދާއިރާގައި އިސްހަރުފްތަކެއް ގިރާކޮށްފައިވާ މިދާއިރާއިން 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. ބަދުރު ނަސީރު ބްރޯޑްކާސްޓިންގެ ދާއިރާއާއި ގުޅިވަޑައިގެންނެވީ 1967 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްގެ އޮޕަރޭޓަރެއްގެ ގޮތުގައިއެެވެ. އެއަށްފަހު، ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރއެއްގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރކަމުގެ މަޤާމާއި އެމް.އެން.ބީ.ސީ ރޭޑިއޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމް އަދާކޮށްފައިވެއެވެ. ބަދުރު ނަސީރަކީ ދިވެހިރާއްޖެއަށް އޯޑިއޯ ލައިބްރަރީ ޑިިޖިޓަލްކުރުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ޕްރޮޑިއުސަރުންނަށް އަމިއްލައަށް އިހްތިޔާރުކުރައްވާ މަޢުލޫތަކަސް ޕްރޮގްރާމްތައް ހެދުމުގެ ފުރުސަތު ހުޅުވާލަދިނުމުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ބަދުރު ނަސީރެވެ. އެމް.އެން.ބީ.ސީ ގައި ފަށްޓަވައިދެއްވި “ނިއުސް އެންޑް ކަރެންޓް އެފައަރޒް ޑިޕާރޓްމަންޓް” އާއި އެމް.އެން.ބީ.ސީ އައު ޤަވާއިދާއި ސުލޫކީމިންގަނޑުތަކަށް އަމަލު ކުރަންފެށުން އެއީ  ބަދުރު ނަސީރު ކުރެއްވި މަސައްކަތްތަކުން  ފާހަގަކޮށްލެވޭ ކަންކަމެވެ.

ކޮމިޝަން ގެ ރައީސް ބަދުރު ނަސީރު ވަނީ  29 ޖުލައި 2012 ގައި ކޮމިޝަން ގެ މެމްބަރުކަމުންނާއި ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވަނީ ކޮމިޝަނަށް ވަރަށް ގިނަގުނަ އަގުހުރި މަސައްކަތްތަކެއްކޮށް ދެއްވާފައެވެ.


މުޙައްމަދު އަސްލަމް

ކުރީގެ ނައިބު ރައީސް

13 މާޗް 2013 – 13 މާޗް 2018

Mr Mohamed Aslam

ބްރޯޑްކާސްޓިންގ ދާއިރާއަށް މުޙައްމަދު އަސްލަމް ގުޅިވަޑައިގަތީ 2008 ވަނަ އަހަރު ދިޓީވީ އާއިއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ޓީވީ ސްޓޭޝަން 2008 ވަނަ އަހަރު އުފެދުނީންސުރެ މީޑިއާގެ ދާއިރާއިން މަތީތަޢުލީމް ހާޞިލުކުރުމަށް 2009 ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއިން ފުރާވަޑައިގަތުމާއި ހަމައަށް ދިޓީވީގައި ޚަބަރު ކިޔުމުގައާއި ޕޮލިޓިކްސް އެންޑް ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ހުށަހަޅައި ދިނުމުގެ އިތުރުން މާކެޓިންގ މަސައްކަތުގައިވެސް ހަރަކާތްތެރިވެފައެވެ. އޭގެ އިތުރުން ބެންގަލޯރގެ ޖީނިއުސް ޗެނަލްގައި އަސްލަމް ވަނީ ޚަބަރު ކިއުމާއި ޚަބަރު ޕްރޮޑިއުސް ކުރުމުގެ އިތުރުން ޓެކްނިކަލް މަސައްކަތްތަކުގައި 2 އަހަރު ދުވަސް ހޭދަކުރައްވާފައެވެ.

މުޙައްމަދު އަސްލަމްވަނީ ބްރޯޑްކާސްޓިންގ މީޑިއާގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައެވެ. އަދި ޕޯސްޓް ގްރެޖުއެޓް އިން އެޑިޔުކޭޝަން އާއި ބެޗިލަރސް ޑިގްރީ އިން އެކައުންޓިންގ އަދި ޑިޕްލޮމާ އިން ޓީޗިން އިންގްލިޝް އޭޒް އަ ފޮރިންގ ލެންގްއެޖް ކޯސް ފުރިހަމަ ކުރައްވާފައިވެއެވެ. މީގެ އިތުރުން އަސްލަމް ވަނީ ޓެލެވިޜަން ޕްރެޒެންޓަރސް ބޭސިކް ޓްރެއިނިންގ ކޯހާއި ޕޮލިޓިކަލް ޖާރނަލިޒަމް ބޭސިކް ޓްރެއިނިންގ ކޯހާއި އިންވެސްޓިގޭޝަން ސްކިލްސް ޑިވެލޮޕްމަންޓް ކޯސް ފަދަ ތަފާތު ގިނަ ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމްގައި ތަޙްޤީޤް ކުރުމުގެ ގޮތުން މައްސަލަތަކުގައި ހާޟިރިކުރެވޭ މީހުންނާއި އިންޓަރވިއުކޮށް، ސްޓޭޓްމަންޓް ނަގައި ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވާފައިވާ އަސްލަމް ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކޮށްދީފައެވެ. އެގޮތުން ޣިޔާޘުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގައި ކޮލިފައިޑް ސެކަންޑަރީ ޓީޗަރެއްގެ މަޤާމާއި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕްލްގެ މަޤާމް ފުރުއްވާފައިވެއެވެ. އަދި ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީއާއި އެވިޑް ޓްރެއިނިންގ ސެންޓަރާއި، މަންދު ކޮލެޖް އަދި މެޕްސް ކޮލެޖްގެ ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކުގައި ކަރިކިއުލަމް ސްޓަޑީޒް އާއި ސްޓަޑީ ސްކިލްސް އާއި ކޮމިއުނިކޭޝަން ސްކިލްސް އާއި ލޭންގްއޭޖް ސްކިލްސް އާއި މެނެޖްމަންޓް އެކައުންޓިންގ އަދި މާކެޓިންގ މެނެޖްމަންޓްފަދަ މާއްދާތައް ކިޔަވައިދެއްވާފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް މުޙައްމަދު އަސްލަމް، ރައީސުލްޖުމްޙޫރިއްޔާ އައްޔަނު ކުރެއްވީ 13 މާޗް 2013 ގައެވެ. އަދި 5 އޭޕްރީލް 2016ގައި ފެށުނު ކޮމިޝަންގެ ދެވަނަ ދައުރުގެ ނައިބު ރައީސަކަށް މުޙައްމަަދު އަސްލަމު ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.


ޢަބްދުﷲ ޝުޖާޢު

ކުރީގެ ނައިބު ރައީސް

04 އޭޕްރިލް 2011 – 04 އޭޕްރިލް 2016

Mr Abdulla Shujau

ޢަބްދުﷲ ޝުޖާޢުއަކީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައިފައިވާބޭފުޅެކެވެ. ފިލްމީ ދާއިރާގައި އަބްދުﷲ ޝުޖާޢު ހޭދަކުރައްވާފައިވާ 20 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޯޑްކާސްޓަރުންނާއެކު މަސައްކަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިންގެންފައިވެ އެވެ. ވަކިން ޚާއްސަކޮށް، “ނެޝަނަލް ޖިއޮގްރަފިކް ޗެނެލް” (އެން.ޖީ.ސީ) އާއި، ޚަބަރު ފެތުރުމުގައި އިސްކޮށް އުޅޭ “ސްކައި ނިއުސް”، “ޑުބާއި ޓީވީ” އަދި “ޔަންގް އޭޝިއާ ޓީވީ” އަށްވެސް ޕްރޮގްރާމް ޕްރޮޑިއުސްކޮށްދެއްވާފައިވެ އެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމް އަދި މަސްވެރިކަމުގެ ސިނާޢަތާއި އެޑިއުކޭޝަން އަދި އާންމު މަސްލަހަތާއި ޤާނޫނީ މިނިވަންކަމާ ގުޅުންހުރި ދާއިރާތަކުން ޑޮކިއުމަންޓްރީ އާއި ކުރުފިލްމު އަދި އިޝްތިހާރުތައް އޭނާ އުފައްދަވާފައިވެ އެވެ.

އަބްދުﷲ ޝުޖާއުއަކީ ރާއްޖޭގެއާއި ބޭރުގެ ފަރާތްތަކާ ގުޅިގެން 100 އެއްހާ މިއުޒިކް ވީޑިއޯ ، 13 ފީޗަރ ފިލްމު އަދި  ޕްރޮމޯޝަނަލް ފިލްމުތަކާއި ޑޮކިއުމަންޓްރީތަކުގެ މަސައްކަތް ކުރައްވައިފައިވާބޭފުޅެކެވެ. ތަޢުލީމް ހާޞިލް ކުރެއްވުމަށްފަހު އަބްދުﷲސުޖާޢު 1986 ވަނަ އަހަރު އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޑިޕާޓްމަންޓް އޮފް ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަން އާ އެވެ. އެއަށްފަހު، ދިރާގުގެ ސްވިޗިންގެ މަސައްކަތްކުރެއްވުމުގައި ވެސް އޭނާ އުޅުއްވާފައިވެ އެވެ.

ކޮމިޝަންގެ ފުރަތަމަ ރައީސްގެ މަގާމުން ބަދުރުއްނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނައިބު ރައީސް މުހައްމަދު ޝަހީބު އިންތިޚާބުކުރީ 21 ނޮވެމްބަރ 2012 ގައެވެ. އަދި ހަމަ މިދުވަހު، ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަޤާމަށް ޢަބްދުﷲ ޝުޖާއު އިންތިޚާބުކުރެވުނެވެ.


އިސްމާޢީލް ޞަފްވާން

ކުރީގެ ނައިބު ރައީސް

05 އޭޕްރިލް 2016 – 25 ޖޫން 2019

dsc_6301

 

 

 

 

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް އިސްމާޢީލް ޞަފްވާން، ރައީސުލްޖުމްޙޫރިއްޔާ އައްޔަނު ކުރެއްވީ 5 އޭޕްރީލް 2016 ގައެވެ.

އިސްމާޢީލް ޞަފްވާން ވަނީ 15 މާރޗް 2018 ގައި ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އަދި 13 ޖޫން 2019 ގައި ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވައި، 25 ޖޫން 2019 ގައި ވަނީ ކޮމިޝަންގެ މެންބަރުކަމުންވެސް އިސްތިޢުފާ ދެއްވާފައެވެ.

 

 


ފާޠިމަތު ޒައިނާ

ކުރީގެ ނައިބު ރައީސް

05 އޭޕްރިލް 2016 – 14 އޮކްޓޯބަރ 2019

dsc_6316-copy

ބްރޯޑްކާސްޓިންގ ދާއިރާއާ 2007 ވަނަ އަހަރު ގުޅިވަޑައިގެންނެވި ފާޠިމަތު ޒައިނާ އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ ވީޓީވީ ގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ކަމެވެ. ވީޓީވީ ގައި 7 އަހަރު މަސައްކަތްކުރެއްވުމަށްފަހު، ފާޠީމަތު ޒައިނާ ދެން ގުޅިވަޑައިގަތީ ޗެނަލް 13 އާ އެވެ. އެ ސްޓޭޝަންގައި އަދާކުރެއްވީ ސީނިއަރ އެޑިޓަރގެ މަޤާމެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ޢައްޔަންކުރެއްވުމާ ހަމައަށް “އަސުރުމާ ޔަޤީން” މަޖައްލާގެ އެޑިޓަރުކަމުގައި ފާޠިމަތު ޒައިނާ ހުންނެވިއެވެ.

ބްރޯޑްކާސްޓް ދާއިރާގައި އުޅުއްވަމުން ފާޠިމަތު ޒައިނާ ވަނީ މި ދާއިރާގެ ގިނަ ތަމްރީނުތަކެއް ހައްދަވާފައެވެ. އެގޮތުން، ސައުތް އޭޝިއަން މީޑިއާ ސްކޫލްގައި މީޑިއާ ޓްރެއިނިންގ އިން ޓެލެވިޜަން ޖާރނަލިޒަމް ހައްދަވާފައިވެއެވެ. އަދި އެންވަޔަރަންމެންޓަލް ޖާރނަލިޒަމް ރޮނގުންނާއި ޓީވީ ޕްރޮޑަކްޝަންގެ ދާއިރާއިންވެސް ވާރކްޝޮޕްތައް ފުރިހަމަކުރައްވާފައިވެއެވެ. މީގެއިތުރުން، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންވެސް ގިނަ ތަމްރީނުތަކެއް ފާޠިމަތު ޒައިނާ ފުރިހަމަކުރައްވާފައިވެއެވެ.

ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޞަފްވާން، އެ މަޤާމުން 13 ޖޫން 2019ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ އެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން، ކޮމިޝަންގެ އައު ނައިބު ރައީސްގެ މަޤާމަށް ފާޠިމަތު ޒައިނާ ހޮއްވަވާފައިވަނީ 17 ޖޫން 2019 ގައެވެ.

ފާޠިމަތު ޒައިނާ ފަސް އަހަރުގެ ދައުރަކަށް ކޮމިޝަންގެ މެމްބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވީ 5 އޭޕްރީލް 2016 ގައެވެ.


ޢާއިޝަތު ހަނާ

ކޮމިޝަނަރ

04 އޭޕްރިލް 2011 – 04 އޭޕްރިލް 2016

Ms Aishath Hana

ބްރޯޑްކާސްޓިންގ ދާއިރާއަށް ޢާއިޝަތު ހަނާ ގުޅިވަޑައިގަތީ މީގެ 18 އަހަރު ކުރިން ޓެލެވިޜަން މޯލްޑިވްސްގެ ޖާރނަލިސްޓްއެއްގެ ގޮތުގަ އެވެ. މިގޮތުން ޚަބަރު ލިޔެ ތައްޔާރުކޮށް، ޚަބަރާއި ކަރަންޓް އެފެއަރޒް ޕްރޮގްރާމް ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރެއްވުމުގެ މަސައްކަތް ހަނާ ކުރައްވާފައިވެ އެވެ. މީގެ އިތުރުން، ހަނާ ވަނީ ހޮލެންޑްގައި ޖާރނަލިޒްމްގެ ޓްރެއިނިންގ ހައްދަވައި، އިންޑިޔާގެ ބެންގަލޫރުގައި ” ދަ ކޮންވަރޖަންސް އޮފް މީޑިއާ” އިން މަތީ ތަޢުލީމް ހާޞިލްކުރައްވައިފަ އެވެ. ޓެލެވިޜަން މޯލްޑިވްސްގެ އިނގިރޭސި ޚަބަރު ހުށަހަޅުއްވާ ޕެރެޒެންޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމާއެކު، ޢާއިޝަތު ހަނާ ވަނީ ޓެލެވިޜަން މޯލްޑިވްސްގެ އިނގިރޭސި ޚަބަރުގެ އެޑިޓޯރިއަލް ޒިންމާ ވެސް އަދާކުރައްވައިފަ އެވެ. ބްރޯޑްކާސްޓް މިޑީޔާގެ ދާއިރާގައި އޭނާ ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި އޭރުގެ މިނިސްޓްރީ އޮފް އިންފޯމޭޝަން އެންޑް އާޓްސްއިން އިންތިޒާމްކޮށްގެން ބޭއްވި ބްރޯޑްކާސްޓް ޖަރނަލިޒަމް ކޯހުގައި ޖާރނަލިސްޓުން ތަމްރީންކުރުމުގެ މަސައްކަތް ޢާއިޝަތު ހަނާ ކުރައްވާފައިވެ އެވެ.

ރާއްޖޭގެ މީޑޔާއަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް ގެނައިދުވަސްވަރު، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ މައިދާން އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށް މަގުފަހިކޮށްދިނުމަށް ބޭނުންވާ “ރެގިއުލޭޓަރީ ފްރޭމްވޯކް” އެކުލަވާލުމުގައާއި، ކޭބަލް ޓެލެވިޜަންގެ ޚިދުމަތްދޭ ޤަވާއިދު އިސްލާޙު ކުރުމުގައި ޢާއިޝަތު ހަނާ ވަނީ ވަރަށް އަގުހުރި މަސައްކަތްތަކެށް ކޮށްދެއްވައިފަ އެވެ. އަދި މީގެ އިތުރުން އޭރުގެ މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާރޓްސް އިން ޟާޢިއުކުރި ބްރޯޑްކާސްޓަރުންގެ އަތްމަތި ފޮތްތަށް އެކުލަވާލުމުގެ މަސައްކަތްވެސް އޭނާ ކުރައްވާފައިވެ އެވެ.


މަރިޔަމް ޝަވްޤީ

ކޮމިޝަނަރ

04 އޭޕްރިލް 2011 – 04 އޭޕްރިލް 2016

Ms Mariyam Shauqy

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މަރިޔަމް ޝަވްޤީ ހިދުމްތަ ކުރެއްވި 23 އަހަރު ދުވަހުގެ  ތެރެއިން އެންމެ ގިނަ ދުވަސް ހިދުމްތަ ކުރެއްވީ ޓެލެވިޜަން މޯލްޑިވްސްގަ އެވެ. ޓެލެވިޜަން މޯލްޑިވްސްގައި ހޭދަކުރެއްވި 22 އަހަރު އެތަނުގެ ތެރޭގައި  ޕްރޮޑިއުސަރުކަމުގެ މަޤާމުން ފެށިގެން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕްރޮގްރާމްސް މަޤާމް އަދާކުރައްވާފައިވެ އެވެ. އޭގެއިތުރުން، އެމް.އެން.ބީސީގައި މީޑިއާ ޓްރެއިނިންގ ސެންޓަރުގެ އިސް ވެރިއެއްގެ ގޮތުގައި އެއް އަހަރު ހިދުމަތް ކުރައްވައިފައިވެއެވެ.

މަރިޔަމް ޝަވްޤީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީން މާސްކޮމިއުނިކޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކުރައްވައި “ފިލްމިންގ، ޓެލެވިޜަން އަދި އެޑްވަޓައިޒިންގ އިން ސްޕެޝަލައިޒްވެ ވަޑައިގެންފަ އެވެ.

މަރިޔަމް ޝަވްޤީ ޕްރޮޑިއުސް ކުރެއްވި ގިނަ ޕްރޮގްރާމްތައް އަމާޒުކުރައްވައިފައި ވަނީ އިޖްތިމާޢީ، ސިއްޙީ އަދި އާންމު މަސްލަޙަތުގެ މައްޗަށެވެ. މަރިޔަމް ޝަވްޤީ ޕްރޮޑިއުސް ކުރެއްވި “ކައްތިރި” ޑްރާމާއަކީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަޤްބޫލްކަން ލިބުނު ޕްރޮގްރާމެކެވެ.


އިބްރާހީމް އަޝްރަފް

ކޮމިޝަނަރ

04 އޭޕްރިލް 2011 – 04 އޭޕްރިލް 2016

Mr Ibrahim Ashraf

ބްރޯޑްކާސްޓިންގެ ދާއިރާއާ އަޝްރަފް އެންމެ ފުރަތަމަ ގުޅިވަޑައިގެންފަނީ ހިއުމަން ރިސޯސަސް ކޯޑިނޭޓަރެއްގެ ގޮތުން 2007 ވަނަ އަހަރު ވީޓީވީއާ އެވެ. އެންމެ ފުރަތަމަ ލައިސަންސް ހޯދި ޕްރައިވެޓް ބްރޯޑްކާސްޓަރުންގެ ތެރޭގައި ހިމެނޭ ވީޓީވީ ސްޓޭޝަން ހުޅުވުމުގަ އާއި ކުރިއަރުވައި ހިންގުމުގައި އަޝްރަފް ވަރަށް އިސްދައުރެއް އަދާކުރައްވާފައިވެ އެވެ.މިގޮތުން ވީޓީވީގެ އެޗް.އާރު އެންޑް އެޑްމިން ޑިޕާރޓްމަންޓާއި މާރކެޓިންގ ޑިޕާރޓްމަންޓް އަޝްރަފް ވަނީ ހިންގަވައިފަ އެވެ.

ކުރީގެ ޓެލެވިޜަން މޯލްޑިވްސް އާއި އަމިއްލަ ބައެއް ކުންފުނިތަކަށް އެގްޒެކެޓިވް މެނޭޖްމަންޓްގެ ރޮނގުން އަޝްރަފް ވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގަވައިފަ އެވެ. މީގެ އިތުރުން ރިކްރިއޭޝަނަލް ޑައިވާކަމާއި އެކްޓުކުރުމާއި ލަވަ ކިޔުމާއި ޅެން ހެއްދެވުން ފަދަ މަސައްކަތްތައް އަޝްރަފް ކުރައްވަމުން ގެންދަވަ އެވެ.


މުއުމިނާ އާދަމް

ކޮމިޝަނަރ

04 އޭޕްރިލް 2011 – 04 އޭޕްރިލް 2016

Ms Moomina Adam

މުއުމިނާ އާދަމް ބްރޯޑްކާސްޓިން ދާއިރާއަށް ވެދެވަޑައިގެންފައި ވަނީ 1994 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުންނެވެ. ބްރޯޑްކާސްޓިން ދާއިރާގައި މުއުމިނާ އާދަމް ހޭދަކުރައްވާފައިވާ 15 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ ކުރީގެ ދިވެހިރާއްޖޭގެ އަޑުގަ އެވެ. އަޑުގެ ޕްރެޒެންޓަރ ޕްރޮޑިއުސަރ ޓްރޭނީގެ މަގާމާއި ޕްރެޒެންޓަރ ޕްރޮޑިއުސަރގެ މަގާމުގެ އިތުރުން ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރގެ މަގާމް މުއުމިނާ އަދާކުރައްވާފައި ވެ އެވެ. އެއަށްފަހު ޕްރައިވެޓް ބްރޯޑްކާސްޓިންގ ރާއްޖެއަށް ތަޢާރަފްވުމާ ގުޅިގެން 2008 ވަނަ އަހަރު ސަން އެފްއެމް އާ ގުޅިވަޑައިގެން އެ ސްޓޭޝަންގެ ޕްރޮގްރާމް ޑިޕާޓްމަންޓްގެ އިސް މަގާމްތަކެއް މުއުމިނާ އަދާކުރައްވާފައި ވެ އެވެ. މިގޮތުން ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕްރޮގްރާމްސްގެ މަގާމް މުއުމިނާ ފުރުއްވާފައި ވެ އެވެ. މުއުމިނާ އާދަމަށް ވަނީ ސަން އެފްއެމްގެ އެންމެ މަޤްބޫލު މުވައްޒަފުގެ މަޤާމް 2010 އެފްރީލްގައި ލިބިވަޑައިގެންފަ އެވެ.


ޙަސަން ނަބާޙު

ކޮމިޝަނަރ

05 އޭޕްރިލް 2016 – 30 ޖޫން 2019

dsc_6306

ޙަސަން ނަބާޙު ފަސް އަހަރުގެ ދައުރަކަށް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 5 އޭޕްރީލް 2016 ގައެވެ. އަދި 30 ޖޫން 2019 ގައި ކޮމިޝަންގެ މެންބަރުކަމުން ވަނީ އިސްތިޢުފާ ދެއްވާފައެވެ.

 

 

 


ޒީނާ ޒާހިރު

ކޮމިޝަނަރ

05 އޭޕްރިލް 2016 – 28 އޮކްޓޯބަރ 2020

dsc_6319

މީޑިއާގެ ދާއިރާއާ ޒީނާ ޒާހިރު ގުޅިވަޑައިގެންފައިވަނީ 2006 ވަނަ އަހަރުގައެވެ. ސީނިއަރ ރިޕޯޓަރެއްގެ ގޮތުގައި މިއަދު ޑެއިލީގައި ވަނީ މަސައްކަތް ކުރައްވައިފައެވެ.

ބްރޯޑްކާސްޓިންގ ދާއިރާގައި ވީޑިއޯ ޖަރނަލިސްޓެއްގެ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން ތިންއަހަރަށްވުރެ ގިނަ ދުވަހު ޒީނާ ވަނީ ވީޓީވީގައި މަސައްކަތް ކުރައްވައިފައެވެ. ވީޓީވީގައި މަސައްކަތް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ޚަބަރުތައް ކަވަރުކުރައްވާ، ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ، އެކަމާ ގުޅޭ ޚާއްސަ ރިޕޯޓު ތައްޔާރު ކޮށްދެއްވިއެވެ. މީގެއިތުރުން، ޚަބަރާއި ކަރަންޓްއެފެއަރޒް ޕްރޮގްރާމްތައް ޕްރޮޑިއުސްކުރައްވައި ހުށަހަޅުއްވައި ދެއްވިއެވެ. އަދި ޑޮކިއުމެންޓްރީ ހައްދަވައި، ޕްރޮފައިލް މައުލޫމާތު ހިމެނޭ ފޮތް ލިޔުއްވުމަކީވެސް ޒީނާ ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ޖަރނަލިޒަމް އަދި ޚާއްޞަކޮށް އިލެކްޝަން ރިޕޯޓިންގގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ހައްދަވާފައިވާ ޒީނާ ވަނީ ޕާކިސްތާނުގައި ހުންނަ ސައުތް އޭޝިއަން މީޑިއާ ސްކޫލްގައި 2 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރައްވައިފައެވެ. މި 2 މަސްދުވަސްތެރޭގައި ސައުތްއޭޝިއާގެ ޤައުމުތަކުގެ ނޫސްވެރިންނާއެކު ޕާކިސްތާނުގައި އަމަލީގޮތުން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ. ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ލެވެލް 04 ކޯހެއް ހެއްދެވުމުގެ އިތުރަށް، އޭބީއީ ލެވެލް 5 ޑިޕްލޮމާ އިން މާކެޓިންގ މެނޭޖްމަންޓް، އޭބީއީ ލެވެލް 6 ޑިޕްލޮމާ އިން މާކެޓިންގ މެނޭޖްމަންޓް (އެސޯސިއޭޓް ޑިގްރީ) ވަނީ ފުރިހަމަކުރައްވާފައެވެ. އަދި ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓަރސް ވަނީ ފުރިހަމަ ކުރައްވައިފައެވެ.

މީގެއިތުރުން “ސައުތް އޭޝިއަން ވިމެންސް މީޑިއާ ކޯ”ގެ ނާއިބު ރައީސާކަމާއި،  ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ)ގެ ކައުންސިލް މެންބަރުކަމާއި، ސްޕޯކްސްޕާސަންގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ޒީނާ ޒާހިރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރ ގެ މަޤާމްގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް ޒީނާ ޒާހިރު، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 05 އޭޕްރީލް 2016 ގައެވެ. އަދި 28 އޮކްޓޯބަރ 2020 ގައި ކޮމިޝަންގެ މެންބަރުކަމުން ވަނީ އިސްތިޢުފާ ދެއްވާފައެވެ.


އާމިނަތު ސަރާޙަތު ޢިއްޒަތު

ކޮމިޝަނަރ

05 އޭޕްރިލް 2016 – 05 އޭޕްރިލް 2021

ޝަރީޢާގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ އާމިނަތު ސަރާހަތު ޢިއްޒަތު އެކި ދާއިރާތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2004 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައި، ޕަބްލިކް ކޮމްޕްލެއިންޓްސް ބިއުރޯއާއި ރިޔާސީ ކޮމިޝަނާ އަދި ސިވިލް ސަރވިސް ކޮމިޝަންގައި އާމިނަތު ސަރާހަތު ޢިއްޒަތު މަސައްކަތްކުރައްވާފައިވެއެވެ. އަދި، ހައި ކޯޓާއި ސިވިލް ކޯޓާ އަދި އެމްޕްލޯއިމަންޓް ޓްރައިބިއުނަލްގައި އެކި މައްސަލަތަކުގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.

މީގެއިތުރުން، 2004 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮމްޕްލެއިންޓްސް ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.

އާމިނަތު ސަރާޙަތު ޢިއްޒަތު ފަސް އަހަރުގެ ދައުރަކަށް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 5 އޭޕްރީލް 2016 ގައެވެ.