ހައްޖުގެ އަޅުކަން ކަވަރުކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ތިން ފުރުސަތު ދެއްވަން ސައުދީ ސަރުކާރުން ނިންމައިފި

May 7, 2014

ހައްޖުގެ އަޅުކަން ކަވަރުކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައުދީ ސަރުކާރުން ޒަމާނުއްސުރެ ދެއްވަމުން ގެންދެވި އެއް ފުރުސަތު، ތިން ފުރުސަތަށް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ސައުދީގެ އިންފޮމޭޝަން މިނިސްޓަރު ދެއްވައިފި އެވެ.

ސައުދީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް އިންފޮމޭޝަން ޑރ. އަބްދުލްއަޒީޒު ބިން މުހިއްދީން ޚޯޖާ މި ގޮތަށް ނިންމެވީ، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ފެށި 10 ވަނަ އޭޝިއާ މީޑިއާ ސަމިޓު ހުޅުވުމުގު ރަސްމީޔާތަށްފަހު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަފުދާއެކު ބޭއްވެވި ހާއްސަ ބައްދަލުވުމެއްގައި، ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިންގ ތަރައްގީ އަށް އެހީ ބޭނުންވާ މުހިންމު ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ޖިއްދާގެ ހިލްޓަން ހޮޓެލްގައި، ސައުދީ އިންފޮމޭޝަން މިނިސްޓަރުގެ އިސްނެންގެވުމަކަށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ހައްޖުގެ އަޅުކަން ކަވަރުކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައުދީ ސަރުކާރުން ހިލޭ ފުރުސަތެއް ދެއްވަމުން ގެންދަވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެކަމަށްޓަކައި ސައުދީ ރަސްގެފާނަށާއި ސައުދީ ސަރުކާރަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ އިތުރުން އަމިއްލަ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުގެ ދައުރު ރާއްޖޭގެ މީޑިއާގައި ފުޅާވެފައިވާތީ، ހައްޖުގެ އަޅުކަން ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިތުރު ފުރުސަތެއް ލިބިއްޖެ ނަމަ އެއީ އެ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކަމުގައި ވެސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މީޑިއާ އަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތް ތަރައްގީވެފައި ނެތުން ކަމަށް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ސައޫދީ ޔުނިވާސިޓީތަކުން ދިގު މުއްދަތާއި ކުރު މުއްދަތުގެ ސްކޯލަޝިޕް ބޭނުންވާ ކަމަށާއި އަދި ސަައުދީގެ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކުގައި ޓެކްނިކަލް ތަމްރީނުތައް ހަދައި ތަޖުރިބާ ހޯދަން ވެސް ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ފުރުސަތު ބޭނުންވާ ކަމުގައި ކޮމިޝަންގެ ރައީސް ފާހަގަ ކުރެއްވި އެވެ.

ސައުދީ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ހައްޖުގެ އަޅުކަން ކަވަރުކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައުދީ ސަރުކާރުން ދެއްވަމުން ގެންދެވި އެއް ފުރުސަތު، ތިން ފުރުސަތަށް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ސަައުދީގެ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކުގައި ޓެކްނިކަލް ތަމްރީނުތައް ހަދައި ތަޖުރިބާ ހޯދަން ވެސް ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގެ ތަރައްގީ އަށް އެ މަނިކުފާނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށާއި، ކަމާ ބެހޭ ލިޔެކިއުންތައް ވީހާ އަވަހަކަށް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.

ސައުދީ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ސަައުދީ ވަލީއަހުދުގެ އަރިހުގައި އެ މަނިކުފާނު ދާދި ފަހުން ވަނީ ރާއްޖެ ޒިޔާރަތްކުރައްވާފައި ކަމަށާއި ދިވެހި ރާއްޖެ އަކީ އަޖައިބެއް ފަދަ ރީތި ޖަޒީރާއެއް ކަމަށެވެ.

އިއްޔެގެ މި ބައްދަލުކުރެއްވުމުގައި ސައުދީ އިންފޮމޭޝަން މިނިސްޓަރުގެ އަރިހުގައި، އިންފޮމޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ޖާސިރާއި ޖެނެރަލް އޮތޯރިޓީ ފޯ އޯޑިއޯ ވިޒުއަލް މީޑިއާގެ ރައީސް ޑރ. ރިޔާޒު ބިން ކަމާލް ނަޖުމާއި ސައުދީ ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސް.ބީ.ސީ)ގެ ޕްރެޒިޑެންޓް އަބްދުއްރަހުމާން އަބްދުލްއަޒީޒު އަލްހައްޒާ އާއި ސައުދީ ޕްރެސް އެޖެންސީގެ ޕްރެޒިޑެންޓް އަބްދުﷲ ބިން ފަހުދު އަލްހުސެއިން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ނައިބު ރައީސް އަބްދުﷲ ސުޖާއު އާއި ކޮމިޝަނަރ އިބްރާޙިމް އަޝްރަފާއި ކޮމިޝަނަރ މުހައްމަދު އަސްލަމެވެ.

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭ.އައި.ޑީ.ބީ) އިން އިންތިޒާމްކޮށްގެން މި މަހުގެ 6-8 އަށް ޖިއްދާގައި ކުރިއަށްދާ، 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ އޭޝިއާ މީޑިއާ ސަމިޓްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުންނާއި ވީޓީވީން ބައިވެރިވެ އެވެ.