June 15, 2014
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސް ނެތް ޗެނަލްތަކަކުން އެ މުބާރާތުގެ މެޗުތައް ބްރޯޑްކާސްޓް/ ރީބްރޯޑްކާސްޓްކުރި ކަމުގެ މައުލޫމާތު ލިބެމުންދާތީ، އެ ކަންކަން ހިނގައިދިޔަގޮތް ބެލުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ފަށައިފި އެވެ.
ފީފާ ވޯލްޑްކަޕަކީ ދިވެހި ރައްޔިތުންގެ ހާއްސަ ޝައުގެއް ހިމެނޭ އިވެންޓަކަށް ވާތީ އެ މުބާރާތް ވާނީ “ލިސްޓަޑް އިވެންޓެއް”ގެ ގޮތުގައި 2012 ވަނަ އަހަރު މި ކޮމިޝަނުން ކަނޑައަޅައި، އިއުލާންކޮށްފަ އެވެ. އަދި މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ/ ރީބްރޯޑްކާސްޓިންގ ރައިޓްސް ހޯއްދަވާ ނަމަ، އެ ރައިޓްސް ހޯއްދަވާ ތާރީޚަކުން ފެށިގެން ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ މައުލޫމާތު މި ކޮމިޝަނަށް ލިޔުމުން އެންގެވުމަށް ވާނީ އާންމުކޮށް އިއުލާންކޮށްފަ އެވެ. މި އިއުލާނަށް އިޖާބަދީ އެ މައުލޫމާތު މިހާތަނަށް މި ކޮމިޝަނަށް އަންގަވައިފައި ވަނީ ޓީވީއެމް ހިންގަވާ އެމް.ބީ.ސީންނާއި ވީޓީވީ ހިންގަވާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީންނެވެ. ނަމަވެސް، ޓީވީއެމާއި ވީޓީވީގެ އިތުރުން ވެސް ބައެއް ޗެނަލްތަކުން ވޯލްޑްކަޕްގެ މެޗުތައް ބްރޯޑްކާސްޓް/ ރީބްރޯޑްކާސްޓްކުރަމުންދާތީ އެކަމާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މި ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.
ވޯލްޑް ކަޕްގެ ރައިޓްސްއާ ގުޅޭ މި މައްސަލަ މި ކޮމިޝަނުން ބަލަމުންދިއުމުގައި ކަމާ ބެހޭ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ އިތުރުން ވޯލްޑް ކަޕްގެ މި ސަރަހައްދުގެ ރައިޓްސް ހޯދައިފައިވާ ފަރާތާއި ފީފާ އިން ވެސް މައުލޫމާތު ސާފުކުރާނެ އެވެ.