June 2, 2014
ކޮމަންވެލްތް ބްރޯޑްކާސްޓިންގ އެސޯސިއޭޝަން (ސީ.ބީ.އޭ) ގެ ރައީސާ މޮނީޒާ ހާޝިމީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މޮނީޒާ ހާޝިމީ ރާއްޖެވަޑައިގެން އުޅުއްވަނީ ސީ.ބީ.އޭ އާއި އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން އަދި ޔުނެސްކޯ އާ މި ކޮމިޝަން ގުޅިގެން މި މަހު 3-5 “ޖެންޑަރ ސެންސިޓައިޒޭޝަން ފޯ ބްރޯޑްކާސްޓާރސް” މި ނަމުގައި ވާރކްޝޮޕް ހިންގުމަށެވެ.
މޮނީޒާ ހާޝިމީ ކޮމިޝަނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބުއެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި މި ހިންގާ ވާރކްޝޮޕަކީ ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާ އަށް ވަރަށް މުޙިއްމު ވާރކްޝޮޕެއް ކަމުގައިވިދާޅުވިއެވެ.
އަދި ބްރޯޑްކާސްޓް ކޮމިޝަނަކީ ސީ.ބީ.އޭ ގެ މެންބަރެއް ކަމުގައި ނޫނަސް ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާ ސީ.ބީ.އޭ އިން ދެއްވާ މި ފަދަ ފުރުސަތުތަކަށް ސީ.ބީ.އޭ އަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި ސީ.ބީ.އޭ ގެ މެންބަރަކަށް ކޮމިޝަންވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި މޮނީޒާ ހާޝިމީގެ ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ވަޑައިގަތުމުން ލިބެމުން އަންން މެހުމާންދާރީ ފާހަގަކުރެއްވާ ޝުކުރުއަދާކުރެއްވިއެވެ. އަދި، ސީ.ބޭ.އޭގެ މެންބަރަކަށް ކޮމިޝަންވުމަށް ޝައުގުވެރިކަން ފާޅުކުރެއްވީތީ އުފާކުރާކަމުގައި ވިދާޅުވިއެވެ. އަދި ސީ.ބީ.އޭގެ މެންބަރަކަށް ވުމަކީ ކޮމިޝަނަށާއި ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާ ގިނަ ފައިދާތަކެއް ކުރާނެކަމަށާއި ސީ.ބީ.އޭ އާއި ކޮމިޝަންއާއި އެކު ބްރޯޑްކާސްޓް ދާއިރާ ތަރައްޤީ އަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ގެ ބައްދަލުވުމުގައި ކޮމިޝަން ގެ ފަރާތުން ބައިވެރިވަޑައިގަތީ ކޮމިޝަންގެ ރައީސްގެ އިތުރުން ކޮމިޝަނަރ މުޙައްމަދު އަސްލަމާއި އާއިޝަތު ހަނާއާ ސެކެރެޓަރީ ޖެނެރަލް ނޫރާ އަލީ އާ ޑިރެކްޓަރ އައިޝަތު ޝާހީން ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރ އީމާން އަންވަރާއި ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އޮފިސަރ އާމިނަތު ނުހާއެވެ.