July 2, 2014
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައި އަގު ފާސްކުރުމެއް ނެތި މީޑިއާނެޓުގެ ފަރާތުން “އައިސް ޓީވީ އާ އެކު ބޯނަސް ސޮނީ6 އެޗް.ޑީ” ގެ ނަމުގައި -/100ރ. އަށް ވިއްކުމަށް މިހާރު އިޝްތިހާރު ކުރަމުންދާ ޕްރޮޑަކްޓް ހުއްޓާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާ ނެޓަށް އަންގައިފިއެވެ.
“އައިސްޓީވީ” އަކީ އަގު ނަގައިގެން ބްރޯޑްކާސްޓްކުރެވޭނެ ޗެނެލެއްގެ ގޮތުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރަކަށް ވީނަމަވެސް، އެއްވެސް ރީބްރޯޑްކާސްޓަރަކު އެ ފަރާތެއްގެ ޚިދުމަތުގައި ދައްކާ ޗެނެލްތަކަށް ނަގާ އަގުތަކަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 32ވަނަ މާއްދާގެ ދަށުން، ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންޖެހޭ އެއްޗެކަމުގައި ކޮމިޝަނުން މި ކަމާ ގުޅޭގޮތުން މީޑިއާނެޓަށް ފޮނުވި ސިޓީގައި އިތުރަށް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަގު ފާސްކުރުމެއް ނެތި މީޑިއާނެޓުން މިހާރު ކުރަމުންދާ އިޝްތިހާރު ހުއްޓާލުމަށާއި ކޮމިޝަނުން އަގު ފާސްކުރުމުގެ ކުރީން އެއްވެސް ކަސްޓަމަރެއްގެ އަތުން އަގެއް ނުނެގުމަށް ވެސް މި ސިޓީގައި ކޮމިޝަނުން އަންގާފައިވެއެވެ.