July 8, 2014
ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް އެންގި އެންގުމާ އެއްގޮތަށް، އެއްވެސް ޝަރުތެއް ނެތި އަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑީއާނެޓަށް ތަކުރާރުކޮށް އަންގައި އަމުރުކޮށްފި އެވެ.
ތިރީގައި މި ވަނީ މިކަމާ ގުޅިގެން، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިރޭ ފޮނުވި ސިޓީގެ މުހިންމު ބައިތަކެވެ.
“ތިޔަ ކުންފުނީގެ ލޯ ފާރމް “ސުއޫދު އެންޑް އަންވަރު އެލް.އެލް.ޕީ” ގެ ފަރާތުން މި ކޮމިޝަނަށް ފޮނުވި ނަންބަރު: S&A/AS/2014-144 (08 ޖުލައި 2014) ސިޓީއާ ހަވާލާދީ ދަންނަވަމެވެ.
“މި ކޮމިޝަންގެ ނަންބަރު: 427-BUR/PRIV/2014/211(07 ޖުލައި 2014) ސިޓީ އިން ތިޔަ ކުންފުންޏަށް އަންގާފައިވާ އެންގުމަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަންގާފައިވާ އެންގުމެކެވެ.
“ވީމާ، އެއްވެސް ޝަރުތެއް ނެތި، މި އެންގުމާ އެއްގޮތަށް އަމަލުކުރުމަށް މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް އަންގައި އަމުރުކުރަމެވެ.”