ވޯލްޑްކަޕްގެ ރައިޓްސްގެ މައްސަލާގައި މި ކޮމިޝަން ބަދުނާމުކޮށް އެމް.ބީ.ސީން ވާހަކަ ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި

June 1, 2014

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް ހޯދުމާ ބެހޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.ބީ.ސީ) އިން މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ބަދުނާމުވާ ގޮތަށް، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވާފައިވާތީ އެކަމާ މި ކޮމިޝަނުން ކަންބޮޑުވެ ހިތާމަކުރަމެވެ.

އެމް.ބީ.ސީގެ ޗެއަރމަން ވެސް މިއަދު ފާހަގަކުރެއްވި ފަދައިން ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ހޯދުމާ ބެހޭގޮތުން މި ކޮމިޝަނުން މިހާތަނަށް ވެސް ވާނީ އެ ފަރާތަށް ފުރިހަމަ އެއްބާރުލުންދީފަ އެވެ. މިގޮތުން މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވައި، ޤަވާއިދުގެ ދަށުން އެކަމުގައި ކުރިއަށްދެވޭނެ ގޮތްތަކާ މެދު ދެފަރާތުން މަޝްވަރާކޮށްފައިވާނެއެވެ.

ފީފާ ވޯލްޑްކަޕަކީ ދިވެހި ރައްޔިތުންގެ ހާއްސަ ޝައުގެއް ހިމެނޭ އިވެންޓަކަށް ވާތީ އެ މުބާރާތް ވާނީ “ލިސްޓަޑް އިވެންޓެއް”ގެ ގޮތުގައި 2012 ވަނަ އަހަރު މި ކޮމިޝަނުން ކަނޑައަޅައި، އިއުލާންކޮށްފަ އެވެ. އެހެންކަމުން ފީފާ ވޯލްޑްކަޕްގެ ރައިޓްސް އެއްވެސް ބްރޯޑްކާސްޓަރަކު ނުވަތަ ރީބްރޯޑްކާސްޓަރަކު ހޯދައިފިނަމަ އެ ހޯދާ ރައިޓެއް ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރަށް އެއްވެސް އަގަކާނުލާ ދޭންޖެހޭނެ ކަމަށް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެކަން ތަންފީޒުކުރުމުގެ ގޮތުން މި ކޮމިޝަނުން ވާނީ އާއްމުކޮށް އިޢުލާނުކޮށް އަދި ހުރިހާ ބްރޯޑްކާސްޓަރުންނަށާއި، ޗެނަލްތަކުގެ ރައިޓްސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯދާ ރީބްރޯޑްކާސްޓަރަށް ވަކިވަކިން އެ އިޢުލާން ފޮނުވައިފައެވެ. 28 އޭޕްރީލް 2014 ގައި މި ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވާނީ، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް އެއްވެސް ބްރޯޑްކާސްޓަރަކު ނުވަތަ ރީބްރޯޑްކާސްޓަރަކު އެހާތަނަށް ހޯދައިފައިވާ ނަމަ އެ ހޯދި ރައިޓްސްއަކާ ބެހޭ މައުލޫމާތު 4 މެއި 2014 ވާ އާދީއްތަ ދުވަހުގެ ކުރީން މި ކޮމިޝަނަށް ލިޔުމުން އެންގެވުމަށް އެދިފައެވެ. އަދި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ/ ރީބްރޯޑްކާސްޓިންގ ރައިޓްސް މީގެ ފަހުން ވެސް ހޯއްދަވާ ނަމަ، އެ ރައިޓްސް ހޯއްދަވާ ތާރީޚަކުން ފެށިގެން ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ މައުލޫމާތު މި ކޮމިޝަނަށް ލިޔުމުން އެންގެވުމަށް ވެސް އެދިފައިވާނެއެވެ. އަދި މިގޮތުން ހޯދާ ރައިޓްސްގެ މައުލޫމާތު މި ކޮމިޝަނާ ލިޔުމުން ޙިއްސާކުރާއިރު، ރައިޓްސް ދޫކުރި ފަރާތް، ރައިޓްސް ހޯދި ތާރީޚް އަދި ރައިޓްސް ހޯދައިފައި ވަނީ ކޮން މީޑިއަމަކުން އިވެންޓް ބްރޯޑްކާސްޓް/ ރީބްރޯޑްކާސްޓްކުރުމަށްކަން ހިމަނަންވާނެކަން ވެސް ވާނީ އަންގައިފައެވެ.

މިގޮތަށް އިއުލާންކޮށްފައި ވަނިކޮށް، އެމް.ބީ.ސީން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވީ، ފީފާ ވޯލްޑްކަޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް މިހާތަނަށް ހޯދީ އަދި ހޯދާނެ ފަރާތެއްގެ މައުލޫމާތާއި އަދި އެއްވެސް ފަރާތަކުން ނުހޯދާނެކަމުގެ ޔަގީންކަން މި ކޮމިޝަނުން ދިނުމަށެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ރައިޓްސްއެއް ހޯދާނެކަން ނުވަތަ ނޫންކަން އެއީ މި ކޮޝަނަށް ދުރާލާ އެނގޭނެ މައުލޫމާތެއް ނޫނެވެ.

ފީފާ ވޯލްޑްކަޕްގެ ބްރޯޑްކާސްޓިންގ ރައިޓްސް ހޯދަފާނެ ކަމަށް އެމް.ބީ.ސީން އެންމެ ބޮޑަށް ލަފާކުރެއްވީ މީޑިއާނެޓުން ކަމަށް ވާތީ، މީޑިއާނެޓާ އެކު އެމް.ބީ.ސީ އެއް މޭޒެއް ދޮށުގައި މަޝްވަރާކުރުމަށް މި ކޮމިޝަނުގައި ބޭއްވި ބައްދަލުވުމަށް އެމް.ބީ.ސީގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ބައްދަލުވުން ވަނީ ކުރިއަށް ނުގެންދެވިފައެވެ. އަދި ވޯލްޑްކަޕްގެ ރައިޓްސް އެމް.ބީ.ސީން ހޯދުމުގައި ފަހުން ނުކުމެދާނެ ކަމަށް އެމް.ބީ.ސީން ވިދާޅުވާ މައްސަލައަކަށް ހައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީން އޮފް ފިނޭންސް އެންޑް ޓްރެޝަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު ބައްދަލުވުމެއް ހަމަޖެއްސުމަށް މި ކޮމިޝަނުން އިސް ނެގުމުން، އެއީ މުހިންމު ކަމެއް ނޫން ކަމަށް އެމް.ބީ.ސީން ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ އެމް.ބީ.ސީ އާއި އަދި ރާއްޖޭގެ އެހެނިހެން ބްރޯޑްކާސްޓަރުންނަށާއި ރީ ބްރޯޑްކާސްޓަރުންނަށް ވެސް ގާނޫނާއި ގަވައިދުގެ ތަރަހައިގެ ތެރޭގައި ހަމަހަމަކަމާ އެކު އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމުގައި މި ފުރުސަތުގައި ވެސް ޔަގީންކޮށް އަރުވަމެވެ.